ބޮޑުކުރި މުސާރަ ހަމައަށް ނުލިބޭ ކަމަށް ބުނެ ސަރުކާރާއި ވާދަވެރި ފަރާތްތަކުން ދަނީ ފެތުރަމުންދާ ވާހަކަތައް ފުލުހުން ދޮގުކޮށްފިއެވެ.
ފުލުހުންނަށް މުސާރަ ބޮޑުކުރި ނަމަވެސް އެ މުސާރަ މިހާރު ނުދޭ ކަމަށް ބުނެ ބައެއް ފަރާތްތަކުން ދަނީ ދޮގު ޚަބަރެއް ފަތުރަމުންނެވެ. މި ވާހަކަތަކަކީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ރޭ ނެރުނު ބަޔާނެއްގައި ވަނީ ބުނެފައެވެ.
ފުލުހުންގެ ބަޔާނުގައި ބުނެފައިވަނީ، 2024 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ސަރުކާރުން ކަނޑައެޅުއްވި ގޮތަށް ބޮޑުކުރި މުސާރަ، އެއްވެސް އުނިއިތުރު ކުރުމެއް ނެތި، ފުލުހުންނަށް ދެމުން ގެންދާ ކަމަށެވެ. މީގެ އިތުރުން، ސްޕެޝަލް ކޮންސްޓަބުލަރީގެ ޚިދުމަތަކީ އާންމު ފުލުހުންނާއި ހިލާފަށް އެ ހިދުމަތަށް އެދޭ ފަރާތްތަކާއެކު އެއްބަސްވުމެއްގެ ދަށުން ދެވޭ ޚިދުމަތެއް ކަމަށްވެސް ފުލުހުން ވަނީ ސާފުކޮށްފައެވެ.
ބަޔާނުގައި އިތުރަށް ބުނީ، ސްޕެޝަލް ކޮންސްޓަބުލަރީގެ ޚިދުމަތަށް އެދޭ ފަރާތްތަކާއެކު ހަދާފައިވާ ކޮންޓްރެކްޓްގެ ދަށުން އެކަމަށް ކަނޑައެޅިފައިވާ އުސޫލާއި އެއްގޮތަށް ސްޕެޝަލް ކޮންސްޓަބުލަރީ ފުލުހުންނަށް މުސާރަ ދިނުމުގައި ދަނީ އަމަލު ކުރަމުން ކަމަށެވެ. އަދި، ސްޕެޝަލް ކޮންސްޓަބުލަރީގެ ޚިދުމަތަށް އެދޭ ފަރާތްތަކާއެކު އަލަށް ވެވޭ އެއްބަސްވުންތަކުގެ ދަށުން އިތުރުކުރެވިފައިވާ މުސާރަ ދެމުން ގެންދާ ކަމަށްވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.

