ރަޝިއާ ކައިރިއަށް އައި 8.8 މެގްނިޓިއުޑްގެ ބާރުމިނުގެ ބިންހެލުމާ ގުޅިގެން ޖަޕާނާއި ރަޝިއާގެ އެކި ހިސާބުތަކަށް ސުނާމީއެއް އެރިއިރު، ސުނާމީގެ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން މިއަދު ހާމަކޮށްފިއެވެ. މެޓް އޮފީހުގެ މީޑިއާ އޮފިޝަލަކު ވެސް ވަނީ މިކަން ކަށަވަރުކޮށްދެއްވާފައެވެ.
މި ބިންހެލުން އައިސްފައިވަނީ ކަމްޗަޓްކާ ޕެނިންސިއުލާގައި އޮންނަ ޕެޓްރޯޕަވްލޮވްސްކްގެ އިރުން ގާތްގަނޑަކަށް 85 މޭލު (136 ކިލޯމީޓަރު) ދުރުން، 12 މޭލު (19 ކިލޯމީޓަރު) އަޑިއަށެވެ. ޔޫއެސް ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން ބުނި ގޮތުގައި ބިންހެލުން އައި ސަރަހައްދު، ޕެޓްރޯޕަވްލޮވްސްކް-ކަމްޗަޓްސްކީގެ އިރުދެކުނުން 74 މޭލު (119 ކިލޯމީޓަރު) ދުރުގައި އޮތީ 20.7 ކިލޯމީޓަރު އަޑީގައެވެ. ބިންހެލުމަށް ފަހު ޖަޕާނަށް ކުދި ސުނާމީތަކެއް އަރަމުންދާ ކަމަށް ރިޕޯޓްކުރެވުނުއިރު، ސުނާމީގެ ރާޅުތައް އެރީ އުތުރުގެ މައި ރަށެއް ކަމަށްވާ ހޮކައިޑޯއަށެވެ. ރަޝިއާ އާއި ޖަޕާނަށް މި ބިންހެލުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބި، އިމާރާތްތައް ވެއްޓި އަދި ބައެއް އިމާރާތްތަކަށް ވަރަށް ބޮޑަށް ހަލާކުވެފައިވާކަން ފާހަގަކުރެވެއެވެ.
މި ބިންހެލުމާ ގުޅިގެން އެމެރިކާގެ ބައެއް ސަރަހައްދުތަކަށް ސުނާމީ އަރާނެ ކަމުގެ އިންޒާރު ވެސް ދީފައިވެއެވެ. ޚާއްސަކޮށް ހަވާއީ، އެލަސްކާ، ކެލިފޯނިއާގެ ކަނޑުގެ އައްސޭރިފަށުގެ ބައެއް ސަރަހައްދުތަކަށް ސުނާމީ ވޯނިންގ ދީފައިވާއިރު، އެމެރިކާގެ އިތުރުން ޓައިވާން، ފިލިޕީންސް، ޗައިނާ، މެކްސިކޯ، ޕެރޫ، އެކުއެޑޯ، ޗިލީ، ޕެނަމާ އަދި ގަލާޕަގޯސް އައިލެންޑްސް ފަދަ ގިނަ ގައުމުތަކަށް ވަނީ ސުނާމީގެ އިންޒާރު ދީފައެވެ. ކަމްޗަޓްކާ އަކީ “ޕެސިފިކް ރިންގް އޮފް ފަޔަރ” ގެ ބައެކެވެ.
މި ބިންހެލުމަކީ ދުނިޔޭގެ ތާރީޚުގައި ރެކޯޑް ކުރެވިފައިވާ ބިންހެލުންތަކުގެ ތެރެއިން 6 ވަނައަށް އެންމެ ބާރު ބިންހެލުމުގެ ތެރޭގައި ހިމެނޭ ބިންހެލުމެކެވެ. އަދި 2011 ވަނަ އަހަރު ޖަޕާނަށް އައި 9.0 މެގްނިޓިއުޑްގެ ބިންހެލުމަށްފަހު އައި އެންމެ ބާރު ބިންހެލުމެވެ. ބިންހެލުމަށްފަހު ގަޑިއެއްހާއިރުގެ ތެރޭގައި 6.3 އަދި 6.9 މެގްނިޓިއުޑްގެ ދެ ބާރުމިނުގެ “އާފްޓަރޝޮކް” ވެސް ރަޝިއާ ކައިރިއަށް އައިސްފައިވެއެވެ. މީގެ އިތުރުން 5 މެގްނިޓިއުޑްގެ ބާރުމިނަށްވުރެ މަތީގެ ގިނަ އަފްޓަރޝޮކްތަކެއް ވަނީ އައިސްފައެވެ.
އިންޑިއާގެ މޫސުމާ ބެހޭ އިދާރާ އިން ވެސް ހާމަކޮށްފައިވަނީ މި ބިންހެލުމުގެ ސަބަބުން އިންޑިއާ ކަނޑަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށެވެ. މެޓް އޮފީހުން ޔަގީންކޮށްދެއްވާފައިވާ ގޮތުގައި، ރާއްޖެއަށް ސުނާމީގެ އެއްވެސް ނުރައްކަލެއް ނެތެވެ.

