(އާރްޓީއެލް) ގެ ފެރީގެ ޚިދުމަތް ޒޯން 4 ގައި ފެށުމަށް މިހާރު ތައްޔާރުވަމުންދާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. ޒޯން 4 ގައި ހިމެނޭ އަތޮޅުތަކަކީ މ.، ފ.، ދ.، ތ.، އަދި ލ. އަތޮޅެވެ.
މިކަން ހާމަކުރައްވާފައިވަނީ ރާއްޖެ ޓްރާންސްޕޯޓް ލިންކުގެ ޚިދުމަތް ފުޅާކުރުމާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ. އެމްޓީސީސީގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރ ޢަބްދުﷲ ފާރިޝް ހުސައިން ވިދާޅުވީ، އާރްޓީއެލްގެ ޚިދުމަތް އިތުރަށް ފުޅާކުރުމަށްޓަކައި އެމްޓީސީސީން ގިނަ މަސައްކަތްތަކެއް ކުރައްވާކަމަށެވެ.
ފާރިޝް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް މިއަހަރު ނިމުމުގެ ކުރިން މުޅި ރާއްޖޭގައި މި ޚިދުމަތް ފެށުމަށް ކުރައްވާ މަސައްކަތުގެ ތެރެއިން، ޒޯން 4 ގައި ހިމެނޭ އަތޮޅުތަކުގައި މި ޚިދުމަތް ފެށުމަށް މިހާރު ތައްޔާރުވަމުން އަންނަ ކަމަށެވެ. މިއީ ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމް އިތުރަށް ހަރުދަނާކުރުމަށް ކުރެވެމުންދާ މުހިންމު މަސައްކަތެކެވެ.
މި ޕްރޮގްރާމްގައި ވާހަކަދައްކަވަމުން، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ އިބްރާހީމް ޔާސިރު ވިދާޅުވީ، އާރްޓީއެލްގެ ޚިދުމަތް ރާއްޖޭގެ 4 ޒޯނެއްގައި މިހާރު ފަށާފައިވާކަމަށެވެ. އެންމެ ފަހުން މި ޚިދުމަތް ފަށާފައިވަނީ ބ. އަތޮޅުގައެވެ.
ޔާސިރު ވިދާޅުވި ގޮތުގައި، މި ނިޒާމުގެ ތެރެއިން މިހާރު 4 ޒޯނެއް ވަނީ ނިމިފައެވެ. އެއީ ޒޯން 1 (ހއ.، ހދ.، ށ. އަތޮޅުގެ 41 ރަށް)؛ ބ. އަތޮޅުގައި މި ޚިދުމަތް ފެށުމާއެކު ކޮމްޕްލީޓް ވެފައިވާ ޒޯން 2؛ އަދި ޒޯން 5 (ގއ.، ގދ. އަތޮޅުގެ 18 ރަށް) އާއި ޒޯން 6 (އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީ) އެވެ.
މީގެއިތުރުން، ޔާސިރު ވިދާޅުވީ، އާރްޓީއެލްގެ ޚިދުމަތް އިތުރަށް ފުޅާކުރުމަށްޓަކައި އެ ވުޒާރާއިންވެސް ގިނަ މަސައްކަތްތަކެއް ކުރައްވާކަމަށެވެ. އެގޮތުން، އެކި ރަށްރަށުގައި ފެރީ ޓާމިނަލްތައް އެޅުމަށް ކުރައްވާ މަސައްކަތުގެ ތެރެއިން މިހާތަނަށް ޖުމްލަ 27 ޓާމިނަލެއް އަޅާފައިވާކަމަށް ޔާސިރު ފާހަގަކުރެއްވިއެވެ.
އޭނާ ވިދާޅުވީ، މި ޚިދުމަތަށް ބޭނުންވާ އިތުރު ފެރީތައް ބަނުމުގެ މަސައްކަތްތަކާއި، ފެރީ ސްޓޮޕްތަކާއި، ހަބް ޓާމިނަލްގެ އިތުރުން ފެރީ ޓާމިނަލްތައް އެޅުމުގެ މަސައްކަތްވެސް އެ ވުޒާރާއިން ކުރައްވަމުންދާކަމަށެވެ. އެގޮތުން ރ. އުނގޫފާރުގައި ހަބް ޓާމިނަލެއް އެޅުމުގެ ޢަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާކަމަށާއި، މިހާރު އެމަސައްކަތުގެ މޯބަލައިޒޭޝަން ފަށާފައިވާކަމަށް އޭނާ ހާމަކުރެއްވިއެވެ.
މިއަހަރު ނިމުމުގެ ކުރިން ހުރިހާ އަތޮޅެއްގައި އާރްޓީއެލް ފެރީ ޚިދުމަތް ފެށުމަކީ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. މިހާރު ރާއްޖޭގެ 11 އަތޮޅެއްގެ 110 ރަށެއްގައި ވަނީ އާރުޓީއެލްގެ ޚިދުމަތް ފަށާފައެވެ.

