ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން އއ. ފެރިދޫގެ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަޝްރޫއު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މި މަޝްރޫއުގެ ދަށުން ރަށުގެ ޑިސްޓްރިބިއުޝަން ވިއުގައިގެ 90 އިންސައްތަ އެއްކޮށް ބަދަލުކޮށް، އިންޖީނުގޭގައި 2000 އެމްޕަޔަރގެ ޒަމާނީ ކޮންޓްރޯލް ޕެނަލެއް ބަހައްޓައި ބޭނުންކުރަން ފަށާފައިވެއެވެ.
ސްޓެލްކޯއިން މައުލޫމާތު ދެއްވިގޮތުގައި، މި އަޕްގްރޭޑްގެ ސަބަބުން ކުރިން ދިމާވަމުން އައި ވޯލްޓޭޖް ޑްރޮޕްގެ މައްސަލަ މުޅިން ހައްލުވެގެން ގޮސްފައިވެއެވެ. އަދި މުސްތަގުބަލުގައި ރަށުގެ ކަރަންޓުގެ ޑިމާންޑް އިތުރުވަމުންދާ ދިއުމަށް ކޭޓަރ ކުރުމުގެ ފުރުސަތު މިހާރު ވަނީ ލިބިގެން ގޮސްފައެވެ.
މި އައު ނިޒާމުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކުރިއެރުމަކީ ކަރަންޓުގެ ޚިދުމަތް މެދުކެނޑިއްޖެ ހާލަތެއްގައި، އެ މައްސަލައެއް އަވަސް ފުރުސަތެއްގެ ތެރޭގައި ދެނެގަނެ، ހައްލުކުރުމުގެ ގާބިލުކަން އިތުރުވެފައިވުމެވެ. މިކަމުގެ ސަބަބުން ރަށުގެ ރައްޔިތުންނަށް ލިބޭ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާވެގެންދާނެއެވެ.
ސްޓެލްކޯއިން ވިދާޅުވި ގޮތުގައި، “މި ބަދަލުތަކާއެކު، ފެރިދޫގެ ރައްޔިތުންނަށް ލިބޭ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެ، އިތުބާރު ބޮޑު ޚިދުމަތަކަށް ވެގެންދާނެ” އެވެ. މި މަޝްރޫއަކީ ސްޓެލްކޯއިން ރާއްޖޭގެ ރަށްރަށުގެ ކަރަންޓުގެ ޚިދުމަތް ހަރުދަނާކުރުމަށް ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން ހިންގި އެއް މަޝްރޫއެވެ.

