މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން 4000 އަށްވުރެ ގިނަ ބަސްތާ ފިޔާ ކްލިއަރކޮށްފިއެވެ.
މިއީ މޫސުން ގޯސްވުމުގެ ސަބަބުން ކާގޯ ބޯޓުތަކަށް ރާއްޖެ އައުމަށް ދަތިވެ، ފިޔާ ލިބުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި ކުރެވުނު މުހިންމު މަސައްކަތެކެވެ.
އެމްޕީއެލްގެ ކާގޯ އޮޕަރޭޝަންސްއިން ދޭ މަޢުލޫމާތުގައިވާ ގޮތުން، ރޭގެ ވަގުތުތަކުގައި ކުރެވުނު މަސައްކަތުން 3 ބޯޓަކުން މުދާ ބާލައި ނިންމާލެވުނެވެ. މި މަސައްކަތުގެ ތެރެއިން 4720 ބަސްތާ ފިޔާ ވަނީ ކްލިއަރ ކުރެވިފައެވެ.
މީގެއިތުރުން، އިއްޔެ މާލޭ ވިޔަފާރި ބަނދަރަށް އައި އިތުރު ބޯޓަކުން 3840 ބަސްތާ ފިޔާ ގެނެވިފައިވާކަން އެމްޕީއެލްއިން ފާހަގަކުރެއެވެ. މި ބޯޓުން މުދާ ބޭލުމުގެ މަސައްކަތް މޫސުން ތަންދޭ މިންވަރަކުން ކުރިއަށްދާކަމަށް އެ ކުންފުނިން މަޢުލޫމާތު ދެއެވެ.
ފިޔާގެ ތާށިކަން ޙައްލުކުރުމަށް އެސްޓީއޯއިން ވެސް މަސައްކަތްތަކެއް ކުރަމުންދެއެވެ. އެގޮތުން، އިންޑިޔާއިން އިތުރު ފިޔާ ޝިޕްމަންޓެއް ގެނައުމަށް އެ ކުންފުނިން މަސައްކަތް ކުރަމުންދާކަމަށް ވަނީ ހާމަކޮށްފައެވެ. އާންމު ހާލަތުގައި ފިޔާ އިމްޕޯޓް ކުރަނީ އަމިއްލަ ވިޔަފާރިތަކުން ނަމަވެސް، މިފަދަ ދަތި ދަނޑިވަޅުތަކުގައި އެސްޓީއޯއިން އެހީތެރިކަން ފޯރުކޮށްދެއެވެ.
މިވަގުތު ބަނދަރުގައި އޮތް ބޯޓުތަކުގެ ޝިޕްމަންޓްތައް މާކެޓަށް ނެރެވުމުން، ފިޔާ ލިބުމުގައި ދިމާވެފައިވާ ދަތިކަމަށް ލުޔެއް ލިބޭނެކަމަށް އެސްޓީއޯއިން ލަފާކުރެއެވެ. އެހެންނަމަވެސް، މިއީ ރާއްޖެއަށް ފިޔާ އެންމެ ގިނައިން އެތެރެކުރާ އިންޑިޔާގައިވެސް މޫސުން ގޯސްވެފައިވާ ދުވަސްވަރަކަށް ވުމުން، އިތުރު ގޮންޖެހުންތަކެއް ކުރިމަތިވެދާނެކަމަށް ބެލެވެއެވެ.

