ލ. މާވަށުގައި މަސްތުވާތަކެތީގެ މައްސަލައެއްގައި ހިނގި ދެބަސްވުމެއްގެ ތެރެއިން މަރާލި މޫސާ އިބްރާހިމް (29އ) ގެ ހަށިގަނޑުގެ އޮޓޮޕްސީ ހެދުމަށް ފުލުހުން ނިންމައިފިއެވެ.
ފުލުހުން ބުނި ގޮތުގައި، މި މައްސަލައިގައި މޫސައަށް ވަޅިން ހަމަލާދީ މަރާލާފައިވަނީ ހދ. ނޮޅިވަރަމް، އަސަރީމަންޒިލް، މުހައްމަދު އިބްރާހިމް (29އ) އެވެ. މި މައްސަލައިގައި މުހައްމަދު އިބްރާހިމް ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ. މުހައްމަދަކީ މަސްތުވާތަކެތީގެ ކުށުގެ ރިކޯޑު އޮންނަ މީހެއްކަން ފުލުހުން ފާހަގަކުރެއްވިއެވެ.
ފުލުހުންގެ ފަރާތުން އިތުރަށް ބުނީ، މޫސާ އިބްރާހިމްގެ ހަށިގަނޑުގެ އޮޓޮޕްސީ ހެދުމަށްޓަކައި ރާއްޖޭން ބޭރަށް ފޮނުވުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށެވެ.
މި މާރާމާރީގައި ބޭނުންކުރި ކަމަށް ބެލެވޭ ވަޅި ވަނީ ފުލުހުންގެ ޓީމަކުން މޫދަށް ފީނައިގެން ހޯދާފައެވެ. އަދި މޫސައަށް ދިން ހަމަލާއާ ގުޅިގެން ފަރުވާ ދިނުމަށް ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް އޭނާ އޮތީ ނިޔާވެފައި ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
ފުލުހުން މިވަގުތު ގެންދަނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

