ޓްރާންސްޕޯޓް މިނިސްޓްރީ ހިންގަމުން އަންނަ އުމަރު ޒާހިރު ބިލްޑިންގުގެ ސާވަރަށް ދިމާވި މައްސަލަ ހައްލުކޮށް، މިއަދުން ފެށިގެން އެ މިނިސްޓްރީގެ ހުރިހާ ހިދުމަތެއް އަލުން ފޯރުކޮށްދޭން ފަށައިފިއެވެ.
މިނިސްޓްރީގެ ސާވަރ ހުއްޓުމަކަށް އައީ މިދިޔަ އާދިއްތަ ދުވަހުގެ ރޭ ދަންވަރު، އުމަރު ޒާހިރު ބިލްޑިންގުގެ އޭސީތައް އޯވަރހީޓްވުމާ ގުޅިގެންނެވެ. މި މައްސަލައިގެ ސަބަބުން މިނިސްޓްރީން ދެމުން އަންނަ ގިނަ ހިދުމަތްތަކެއް ވަނީ ވަގުތީގޮތުން މެދުކެނޑިފައެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން “އެކްސް” މެދުވެރިކޮށް ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން، މިނިސްޓްރީއަށް ދިމާވި ޓެކްނިކަލް މައްސަލަ މިހާރުވަނީ ފުރިހަމައަށް ހައްލުކުރެވިފައެވެ. އަދި މިހާރު ވަނީ ކުރިން ފަދައިން އާންމު ހިދުމަތްތައް ފޯރުކޮށްދޭން ފަށާފައެވެ.
މިނިސްޓްރީގެ ހިދުމަތްތައް މެދުކެނޑުނު މުއްދަތުގައި އާންމު ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމާއި ކެތްތެރިކަން ފާހަގަކޮށް، މިނިސްޓްރީން ވަނީ ޝުކުރު އަދާކޮށްފައެވެ.
އުމަރު ޒާހިރު ބިލްޑިންގަކީ ޓްރާންސްޕޯޓް މިނިސްޓްރީގެ އިތުރުން ސަރުކާރުގެ އެހެން ބައެއް މުހިންމު މިނިސްޓްރީތަކެއް ހިންގަމުން އަންނަ އިމާރާތެކެވެ. މި މައްސަލައިގެ ސަބަބުން އެހެން މިނިސްޓްރީތަކުގެ ހިދުމަތްތަކަށް އެއްވެސް ބުރުލެއް އަރާފައިވާކަން އަދި އެނގިފައެއް ނުވެއެވެ.

