ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑުވެފައިވާ ގއ. ދެއްވަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫޢު، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.
103.09 މިލިއަން ރުފިޔާގެ މި މަޝްރޫޢު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ޝަރީފް އަބްދުއްރަހްމާން ޔޫސުފެވެ. އަދި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާވެށި ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދެވެ.
630 ދުވަހުގެ ތެރޭގައި ނިންމުމަށް ރޭވިފައިވާ މި މަޝްރޫޢުގެ ދަށުން 60,672 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ފަޅު ފުންކުރުމާއި، 95,194 ކިއުބިކް މީޓަރުގެ ސަރަހައްދަކަށް ވެލިއެޅުމުގެ މަސައްކަތް ކުރެވޭނެއެވެ. މީގެއިތުރުން 29 މީޓަރުގެ ބޭރުތޮށި އެޅުމާއި، 407 މީޓަރުގެ އެއްގަމުތޮށި ލުމާއި، 1,256 މީޓަރުގެ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތްވެސް ހިމެނެއެވެ. އަދި 20 މީޓަރު ދިގު، 2 މީޓަރު ފުޅާ ބްރިޖަކާއި 1,980 އަކަމީޓަރުގެ ޕޭވްމަންޓެއްވެސް މި މަޝްރޫޢުގެ ދަށުން ހެދޭނެއެވެ.
1,400 އަށްވުރެ ގިނަ މީހުން ދިރިއުޅޭ ދެއްވަދޫއަކީ މައިގަނޑު ގޮތެއްގައި މަސްވެރިކަމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ރަށެކެވެ. ރަށުގައި މިވަގުތު ކަނޑުމަހުގެ މަސްވެރިކަން ކުރާ 12 ދޯނި އޮތްއިރު، މިހާރުގެ ބަނދަރުގެ ޖާގަ ކުޑަވުމުގެ ސަބަބުން މަސްދޯނިފަހަރާއި މުދާ އުފުލާ ބޯޓުތަކާއި، ލޯންޗުތަކާއި ޑިންގީތައް ބަނދަރުގައި އެޅުމަށް ވަރަށް ބޮޑު ދަތިތަކާ ކުރިމަތިލާންޖެހެއެވެ.
މި މަޝްރޫޢު ނިމުމުން ދެއްވަދޫގެ ރައްޔިތުންނަށް މިހާރަށްވުރެ ތަނަވަސް، ޒަމާނީ ވަސީލަތްތަކާއެކު ތަރައްގީކުރެވިފައިވާ ބަނދަރެއް ލިބި، ބަނދަރުގެ ޖާގައިގެ ދަތިކަމަށް ހައްލެއް ލިބިގެންދާނެކަމަށް ބެލެވެއެވެ.

