ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް ރާއްޖެއަށް ކުރައްވަމުންދާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ މިއަދު ހަވީރު ސަލްޓަން ޕާކުގައި ބޭއްވި ރަސްމިއްޔާތެއްގައި ފަސް މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން މޫނިމާ ގަހެއް އިންދަވައިފިއެވެ.
މި ރަސްމިއްޔާތުގައި ސްރީލަންކާގެ ރައީސްގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ދައުލަތުގެ އިސް ވަޒީރުން ބައިވެރިވެވަޑައިގެންނެވިއެވެ.
ފަސް މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމަކީ ރާއްޖެއިން ނެތެމުންދާ ގަސްތައް އަލުން އާލާކުރުމާއި ފެހިކަން އިތުރުކޮށް މާހައުލީ ނިޒާމު ދެމެހެއްޓުމަށް ރައީސް މުޢިއްޒު އިޢުލާންކުރެއްވި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ރަސްމީކޮށް ފައްޓަވާފައިވަނީ "ކޮޕް28" ގައި އިޢުލާންކުރެއްވުމަށްފަހު، ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅުވައިގެންނެވެ.
ރާއްޖޭގައި މިހާތަނަށް ހިންގާ ގަސް އިންދުމުގެ އެންމެ ބޮޑު ޕްރޮގްރާމްގެ ގޮތުގައި ފާހަގަކުރެވޭ މި ޕްރޮގްރާމުގެ ދަށުން މިހާތަނަށް 595,000 ގަސް ވަނީ އިންދާފައެވެ. އަދި 6.3 މިލިޔަން ގަސް އިންދުމަށް އެކި މުޢައްސަސާތަކާއި އަމިއްލަ ފަރާތްތަކުން ވަނީ ކަނޑައަޅާފައިވާއިރު، މިއަހަރުގެ ނިޔަލަށް 2 މިލިޔަން ގަސް އިންދުމަކީ ސަރުކާރުގެ އަމާޒެކެވެ.
މި ޕްރޮގްރާމްގައި ޚާއްޞަ އިސްކަމެއް ދެއްވާފައިވަނީ ރާއްޖެއިން ނެތެމުންދާ ބާވަތްތަކުގެ ގަސް އިންދާ އާލާކުރުމަށެވެ. މިގޮތުން ރާއްޖެއިން ނެތެމުންދާކަމަށް ފާހަގަކުރެވިފައިވާ 90 ބާވަތެއްގެ ގަސް މި ޕްރޮގްރާމްގެ ދަށުން އިންދުމަށް ވަނީ ހަމަޖެހިފައެވެ.

