އައިޖީއެމް ހޮސްޕިޓަލްގައި ޤާއިމުކޮށްފައިވާ އެމްސީޖީއެޗް އޮޕްޓިކަލްސްއިން މިހާތަނަށް 200 އަށްވުރެ ގިނަ މީހުންނަށް ޚިދުމަތް ދީފައިވާ ކަމަށް އެ ހޮސްޕިޓަލުން މަޢުލޫމާތު ދީފިއެވެ. އަދި ފުރަތަމަ ދުވަހު ޚިދުމަތް ހޯދި 63 މީހުންގެ އައިނު މިއަދު ހަވާލުކުރާނެ ކަމަށްވެސް އެ ހޮސްޕިޓަލުން ބުނެފިއެވެ.
އެމްސީޖީއެޗް އޮޕްޓިކަލްސްގެ ޚިދުމަތަކީ، އާސަންދައިގެ ދަށުން އަގުހެޔޮކޮށް އައިނު ހެއްދުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެއްގެ ދަށުން ފެށި ޚިދުމަތެކެވެ. މި ޚިދުމަތް ރަސްމީކޮށް ފެށިފައިވަނީ މި މަހުގެ 27 ވަނަ ދުވަހުއެވެ.
އައިޖީއެމް އޮޕްޓިކަލްސްއިން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، ޚިދުމަތް ފެށި ފުރަތަމަ ދުވަހު 80 މީހުން އައިނު ހެއްދުމަށް ނަން ނޯޓުކޮށްފައިވެއެވެ. އަދި އިއްޔެ އެކަނި 133 މީހުން އައިނު ހެއްދުމަށް އެދިފައިވާއިރު، މިހާތަނަށް ޖުމްލަ 361 މީހަކު މި ޚިދުމަތަށް އެދިފައިވެއެވެ.
އެމްސީޖީއެޗް އޮޕްޓިކަލްސްއިން ޚިދުމަތް ދެމުންދަނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ރޭގަނޑު 10:00 އަށެވެ. މި ޚިދުމަތާ ގުޅޭ އިތުރު މަޢުލޫމާތު 3335150 އަށް ގުޅައިގެން ހޯދިދާނެއެވެ.
މި ވަގުތު އައިނު ފިހާރައިން ޚިދުމަތް ފޯރުކޮށްދެމުންދަނީ އާސަންދައިގެ ދަށުން، ކޮންމެ 2 އަހަރަކުން ދޫކުރާ 2000 ރުފިޔާގެ ސްކީމްގެ ތެރެއިންނެވެ. އަދި ސަރުކާރުން ދަނީ ހުޅުމާލެ ހޮސްޕިޓަލާއި ރީޖަނަލް ހޮސްޕިޓަލުތަކުގައިވެސް މި ޚިދުމަތް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންނެވެ.

