މޫސުން ގޯސްވުމުގެ ސަބަބުން ސްޓޮކް ނުލިބި ލަސްވެ، ބާޒާރުމަތީގައި ތަކެތީގެ އަގު ދަނީ އުފުލެމުންނެވެ. ނަމަވެސް މި މައްސަލަ ހައްލުކުރުމަށް ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯ އިން ވަނީ ތައްޔާރަށް ކަމަށް އެ ކުންފުނިން މަޢުލޫމާތު ވަނީ ދީފައެވެ.
މިވަގުތު ކަނޑުތައް ގަދަވުމުގެ ސަބަބުން ރަށްރަށުން އަންނަ ދޯނިތަކަށް ދަތުރުކުރުމަށް ދަތިވެފައިވާއިރު، ބޭރުން ލިބެންޖެހޭ ސްޓޮކް ނުލިބި ލަސްވުމުގެ ސަބަބުން ބައެއް ތަކެތި ވަނީ ބާޒާރުގައި މަދުވެފައެވެ. މީގެ ތެރޭގައި ދިވެހިން އެންމެ ގިނައިން ބޭނުންކުރާ ލުނބޯ، ފިޔާ އަދި މިރުސް ހިމެނެއެވެ.
އެސްޓީއޯއިން ބުނީ މޫސުން ގޯސްވުމުގެ ސަބަބުން މާލޭ ބަނދަރުގައި ހުރި ބައެއް ބޯޓުފަހަރުން ސްޓޮކް ބޭލުމަށް ދަތިތަކާ ކުރިމަތިވެފައިވާ ކަމަށެވެ. “އެމްއެމްޓީވީ”އާ ވާހަކަދެއްކި ބައެއް ވިޔަފާރިވެރިން ފާހަގަކުރި ގޮތުގައި ސްޓޮކް އައުމުގައި ލަސްތަކެއް މެދުވެރިވެ، ބަނދަރުގައި ހުރި ސްޓޮކް ބާޒާރަށް ނެރުމުގައި ދަތިތަކެއް ދިމާވެފައިވެއެވެ.
އެމްޕީއެލްއިން މިއަދު ހާމަކުރި ގޮތުގައި އިއްޔެ މޫސުން ގޯސްވެފައި އޮތް ނަމަވެސް، މުވައްޒަފުން ވަރަށް ހިތްވަރާއެކު މަސައްކަތްކޮށް 5،000 ބަސްތާއާ ގާތްކުރާ މިންވަރަކަށް ފިޔާ ބޯޓުފަހަރުން ބޭލިއެވެ. އަދި މޫސުން ގޯސް ނަމަވެސް މިއަދުވެސް އެ މަސައްކަތް ކުރިއަށްދާ ކަމަށް އެ ކުންފުނިން ބުންޏެވެ.
މި މައްސަލައަކީ ސަރުކާރުގެ ސިޔާސަތެއްގެ ސަބަބުން ދިމާވެފައިވާ މައްސަލައެއް ނޫން ކަމަށާއި، މޫސުން ގޯސްވުމާއި ބޭރުން މުދާ ލިބުމުގައި ދިމާވި ތާށިކަން އެއް ވަގުތަކާ ކުރިމަތިވެގެން ނުކުމެގެން އުޅޭ މައްސަލައެއް ކަމަށް ވިޔަފާރިވެރިން ފާހަގަކުރެއެވެ. މި މައްސަލަ ހައްލުކުރުމަށް މުދަލުގެ ސްޓޮކް ބާޒާރަށް ނެރުމަށް އެސްޓީއޯ އިން ދަނީ މަސައްކަތް ކުރަމުންނެވެ.

