މޫސުން ގޯސްވުމުގެ ސަބަބުން ބާޒާރަށް ބައެއް މުދާ ނެރުމުގައި ދަތިތަކެއް ކުރިމަތިވެ، ބައެއް ތަކެތީގެ އަގު އުފުލެމުންދާ ދަނޑިވަޅުގައި އާފަލުގެ އަގު ދިހަ ރުފިޔާއަށް މަތިވެފައިވާކަމަށް ބައެއް މީޑިއާތަކުން ކުރި ރިޕޯޓަކީ ދޮގު ރިޕޯޓެއްކަން ހާމަވެއްޖެއެވެ.
އެމްއެމްޓީވީން ބާޒާރުގެ އެކި ފިހާރަތަކުން އެއްކުރި މަޢުލޫމާތުތަކަށް ބަލާއިރު، އެންމެ މަތީ އަގުގައި އާފަލު ވިއްކަމުންދަނީ ގާކޮށީ މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓުގައެވެ. އެ މާރުކޭޓުތަކުގައިވެސް ފެހި އާފަލެއް ވިއްކަނީ 8 ރުފިޔާއަށް އަދި ރަތް އާފަލެއް 9 ރުފިޔާއަށެވެ.
ތަރުކާރީއާއި މޭވާ ވިއްކުމުގައި އިސްސަފުގައި ހިމެނޭ މަޑިހާގެ އުފަންވެލި ފިހާރަތަކުން އާފަލެއް ވިއްކަމުންދަނީ 8 ރުފިޔާއާއި 9 ރުފިޔާއާ ދެމެދުގެ އަގެއްގައެވެ. ވިކާ މާޓުގައި ފެހި އާފަލެއް 7.5 ރުފިޔާއަށް އަދި ރަތް އާފަލެއް 8 ރުފިޔާއަށް ލިބެން ހުއްޓެވެ. ހަނީ ކޯނާގައި ފެހި އާފަލެއް 7 ރުފިޔާއަށް އަދި ރަތް އާފަލެއް 8 ރުފިޔާއަށް ވިއްކައެވެ.
އެމްޔޫ ސްޓޯރުން ރީޓެއިލްކޮށް 7.6 ރުފިޔާއަށް އަދި ހޯލްސޭލްކޮށް 1.150 ރުފިޔާއަށް އާފަލު ވިއްކަމުންދާއިރު، ފެމިލީ ގްރޮސަރީގައި ފެހި އާފަލު 7.5 ރުފިޔާއަށް އަދި ރަތް އާފަލު 8 ރުފިޔާއަށް ލިބެން ހުއްޓެވެ.
ސަރުކާރުން ވަނީ ބާޒާރުގައި އަގުތައް އުފުލުނަ ނުދިނުމަށްޓަކައި އެސްޓީއޯ މެދުވެރިކޮށް ޚާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. އެގޮތުން އަގު އުފުލޭ މުދާ ގެނެސް ބާޒާރަށް ނެރެ، އަގު ބޮޑުވިޔަ ނުދިނުމަށް މަސައްކަތްކުރަމުންދާކަން ފާހަގަކުރެވެއެވެ.

