ގެމަނަފުށީ ކައުންސިލް ވޮލީ މުބާރާތް އަންހެން ޑިވިޝަންގެ ފަހު މެޗުގައި ހުޓިކޮޑާ އަތުން ފަސޭހަ ކަމާއިއެކު މޮޅުވެ ލީގުގެ ދެވަނަ ޓީމްގެ ގޮތުގައި ސެމީ ޖާގަ ކަށަވަރު ކޮށްފިއެވެ.
ގެމަނަފުށީ ރަސްމީ ވޮލީ ކޯޓުގައި ކުރިއަށް ދިޔަ މިމެޗު އެޓީމުން ކާމިޔާބުކުރީ ސީދާ 3 ސެޓުންނެވެ.
މިމެޗުން ބަލިވުމާއިއެކު ހުޓިކޮޑާއަށް މި މުބާރާތުގެ ސެމީގެ ފުރުސަތު ގެއްލުނީއެވެ. ސެމީގެ 4 ވަނަ ޖާގަ ކަށަވަރުވެފައިވަނީ އިގްނައިޓް ޖޫނިއާސް އެވެ.
މިރޭގެ މެޗު ފަށައިގެން ގެމަނަފުށީ ވޮލީ ކުލަބު ކުޅެމުންދިޔައީ ވަރަށް އިތުބާރާއިއެކުއެވެ. ރަނގަޅު ނިންމުންތަކެއް ފެނުނު މި ސެޓު އެޓީމުން ގެންދިޔައީ 25،12 އިންނެވެ. ދެވަނަ ސެޓުގައި ހުޓިކޮޑާގެ ރަނގަޅު ނިންމުންތަކެއް ފެނިގެން ގޮސްފައިވެއެވެ. އެހެންނަމަވެސް ލީޑު ހިފެހެއްޓޭ ގޮތް ނުވެ ސެޓު ގެއްލުނީއެވެ. މިސެޓް ގެމަނަފުށި ވޮލީ ކުލަބުން ގެންދިޔައީ 25،14 އިންނެވެ.
މެޗުގެ 3 ވަނަ ސެޓުގައި ގެމަނަފުށީ ވޮލީ ކުލަބުން ގިނަ ބަދަލުތަކެއް ވަނީ ފެނިގެން ގޮސްފައެވެ. މުޅި ޓީމު ބަދަލުކުރި މި ސެޓު އެޓީމުން އިތުބާރާއި އެކު ކުޅެ 25،19 ނަގައި މެޗު ސީދާ 3 ސެޓުން ކާމިޔާބު ކުރިއެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ގެމަނަފުށީ ވޮލީ ކުލަބުގެ ޖާޒީ ނަންބަރު 11 އާމިނަތު ރަފާއެވެ.
މި މެޗާއި އެކު މި މުބާރާތުގެ އަންހެން ޑިވިޝަންގެ ލީގު މެޗުތައް ނިމިފައިވާއިރު އެއްވަނަ ޓީމެއްގެ ގޮތުގައި ކަނޑުހުޅުދޫ ދެވަނަ ޓީމުގެ ގޮތުގައި ގެމަނަފުށި ވޮލީ ކުލަބު އަދި ތިންވަނަ ޓީމުގެ ގޮތުގައި ސީކުއީން ހަތަރު ވަނަ ޓީމްގެ ގޮތުގައި އިގްނައިޓް ޖޫނިއަރ ވަނީ ސެމީ ފައިނަލް ކަށަވަރުކޮށްފައެެވެ.
ސެމީގެ ފުރަތަމަ މެޗުގައި ވާދަކުރާނީ ކަނޑުހުޅުދޫ އަދި ގެމަނަފުށީ ވޮލީ ކުލަބެވެ. ދެވަނަ ސެމީގައި ވާދަކުރާނީ ސީކުއީން އަދި އިގްނައިޓް ޖޫނިއާރްސް އެވެ. ދެވަނަ ސެމީން މޮޅުވާ ޓީމާއި ފުރަތަމަ ސެމީން ބަލިވާ ޓީމާއި ކުޅެ މޮޅުވާ ޓީމަކަށް ފައިނަލްގެ ފަހު ޖާގަ ކަށަވަރު ވާނެއެވެ.
ސެމީ ފުރަތަމަ މެޗު މާދަމާ ހަވީރު ކުޅުމަށް ހަމަޖެހިފައިވާއިރު، ދެވަނަ ސެމީ ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ އެވެ.
މުބާރާތުގައި ބައިވެރިވެފައިވާ ފިރިހެން ޓީމްތަކަކީ ގެމަނަފުށި ވޮލީ ކުލަބު، ވެލާ، ފޭސް ފިޔޯރީ ވޮލީޓީމް، ކާމިޔާބު ވޮލީޓީމް، ހުޓިކޮޑާ، އަދި ނިލަންދޫ ވޮލީޓީމެވެ. އަދި އަންހެން ޓީމްތަކަކީ ސީ ކުއީންސް، ގެމަނަފުށީ ވޮލީ ކުލަބު، ކަނޑުހުޅުދޫ ވޮލީޓީމް، އިގްނައިޓް ޖޫނިއާސް، ހުޓިކޮޑާ ކަނބަލުންނެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމްއަށް 50000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ނިންމާފައިވާއިރު ރަނަރަޕް ޓީމަށް 25000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށައަޅާފައެވެ.
މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ގެމަނަފުށީ ކައުންސިލެވެ. އޮންލައިން މީޑިއާ ޕާޓްނަރަކީ ހުވަދޫ މީޑިއާއެވެ.

