މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކަށް މަރުގެ އަދަބު ދެވޭގޮތަށް ޤާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން ނިންމައިފިއެވެ. މި ނިންމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިއަދު ވަނީ އިޢުލާން ކުރައްވާފައެވެ.
މި ނިންމުން އިޢުލާންކުރައްވަމުން ރައީސް މުޢިއްޒު ވިދާޅުވީ، “މަސްތުވާތަކެތީގެ ވަބާއިން ދިވެހި މުޖްތަމަޢު ސަލާމަތްކޮށް، މަސްތުވާތަކެތިން ދުރުހެލިވެފައިވާ ޖީލެއް ބިނާކުރުމަކީ މި ސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒު” ކަމަށެވެ.
މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މަސްތުވާތަކެއްޗާބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި، މަސްތުވާތަކެތި އެތެރެކުރުމާއި ވިޔަފާރިކުރުމުގެ ކުށް ސާބިތުވާ ފަރާތްތަކަށް، ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް ޢަމަލުކުރާ ފަދައިން، މަރުގެ އަދަބު ހިމެނޭގޮތަށް ހަރުކަށި އަދަބުތަކެއް ކަނޑައެޅުމަށް ވަނީ ހުށަހަޅާފައެވެ.
މި ބިލް އިތުރަށް ދިރާސާކުރުމަށްޓަކައި ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކަށް ވަނީ ފޮނުވާފައިކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. މި އިސްލާހުތަކަކީ ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމަށް އެޅޭ އެންމެ ހަރުކަށި ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެއް ކަމަށް ބެލެވެއެވެ.
މި އިސްލާހު ފާސްވެއްޖެނަމަ، ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކަށް މަރުގެ އަދަބު ދެވޭނެ ފުރަތަމަ ފަހަރު ކަމަށްވާނެއެވެ. މިއީ މަސްތުވާތަކެތީގެ ވަބާއިން މުޖުތަމަޢު ސަލާމަތްކުރުމަށް ސަރުކާރުން އަޅާ އެންމެ ހަރުކަށި ފިޔަވަޅު ކަމަށްވެސް ބެލެވެއެވެ.

