ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީގެ) މެނޭޖިން ޑިރެކްޓަރު މައުރޫފް ޖަމީލް އިއްޔެ އިސްތިއުފާ ދެއްވާފައި ވަނިކޮށް، ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ފަޔާޒް މަންސޫރުވެސް އިސްތިއުފާ ދީފިއެވެ.
ފަޔާޒް އެ މަގާމަށް އައްޔަންކުރީ، މައުރޫފް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރަކަށް މިދިޔަ ޑިސެމްބަރުގައި ވަޑައިގެންނެވުމަށް ފަހު، މިދިޔަ ޖެނުއަރީގައެވެ. ނަމަވެސް، ފަޔާޒް އެ މަގާމުން އިސްތިއުފާ ދެއްވި ސަބަބެއް ސާފެއް ނޫނެވެ.
އެނގިފައިވާ ގޮތުގައި، އަންނަ މަހުގެ 18ގައި ރިޓަޔަރކުރާ ގޮތަށް ކުރިން އިއުލާންކޮށްފައި ވީނަމަވެސް، މައުރޫފް ޖަމީލް އިސްތިއުފާ ދެއްވީ ޕީސީބީން އެ ގޮތަށް އަމަލުކުރުމަށް އެންގުމާ ގުޅިގެންނެވެ.
މައުރޫފް އެޗްޑީސީގެ އެމްޑީގެ މަގާމަށް އައްޔަންކުރީ އެ މަގާމުގައި ކުރިން ހުންނެވި އިބްރާހިމް ފަޒުލް ރަޝީދު، ހުޅުމާލޭން ބިން ދޫކުރުމާއި ވިނަރެސް ފްލެޓު ދޫކުރުމާ ގުޅޭ ކޮރަޕްޝަނުގެ ބޮޑެތި މައްސަލަތަކެއް ފެންމަތިވެފައިވަނިކޮށް މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.

