އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާއިން ހިންގާ "ޙާލު ކިހިނެއް؟" ޕްރޮގްރާމް ހުޅުމާލެ ފޭސް-1 ގައި ފެށުމަށް ވާންޖެހޭ ތައްޔާރީތަކުގެ ތެރެއިން، މިއަދު މި ވުޒާރާގައި ހުޅުމާލޭ ނެއިބަރހުޑް ޕޮލިސްއާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
މި ބައްދަލުވުމުގައި، ހުޅުމާލޭ ފޭސް-1 ގައި މި ޕްރޮގްރާމް ކުރިއަށްގެންދާއިރު ފުލުހުންނާ ގުޅިގެން މަސައްކަތްކުރާނެ ގޮތްތަކާމެދު މަޝްވަރާކުރެވުނެވެ. އަދި ނާޒުކު ޙާލަތްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ދެމެހެއްޓެނިވި ގޮތެއްގައި އެހީތެރިކަން ފޯރުކޮށްދިނުމާއި، އިޖުތިމާޢީ މައްސަލަތައް ޙައްލުކުރުމަށް ދެ މުއައްސަސާ ގުޅިގެން މަސައްކަތްކުރެވޭނެ ގޮތްތަކާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ޚިޔާލު ބަދަލުކުރެވުނެވެ.
"ޙާލު ކިހިނެއް؟" ޕްރޮގްރާމް ހުޅުމާލޭގައި ފެށުމަށްޓަކައި ކުރަންޖެހޭ އެހެނިހެން ތައްޔާރީތައްވެސް މި ވުޒާރާއިން ދަނީ ފުރިހަމަކުރަމުންނެވެ.

