ގއ. ވިލިނގިލީގެ ދެ ރޯހައުސަކަށް ކުރިމަތިލި މީހުންގެ ލިސްޓު ބާތިލުކޮށް، އަލުން އިއުލާނުކުރުމުން އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށް، އަންހެނަކު އެރަށު ކައުންސިލް ދޮރުމަތީ ގޮދަޑި އަޅައިގެން އޮށޯވެ އޮވެގެން އިހުތިޖާޖު ކުރަން ފަށައިފިއެވެ.
ކައުންސިލް ކުރިމަތީ ތަންމަތި އަޅައިގެން އޮތް އެ އަންހެން މީހާ، މިއަދު ހެނދުނު ކައުންސިލް ހުޅުވިއިރު ވެސް އޮތީ އެތާ ދޮރުމަތީގައެވެ.

ރޯހައުސްގެ މައްސަލައިގަ، އަންހެނަކު ވިލިގިލީ ކައުންސިލު ދޮރުމަތީއޮވެ، އިހުތިޖާޖު ކުރަނީ… ފޮޓޯ: ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވިޑިއޯ އެއްގެ ސްކްރީން ޝޮޓެއް
އަދި އަވިން ސަލާމަތް ވާން ވެގެން އޭނާ އޮތީ ކުޑައެއް ވެސް ހިފައިގެންނެވެ.
އޭނާ ކައުންސިލް ކުރިމަތީގައި އިހުތިޖާޖު ކުރަމުން ގެންދާއިރު، ފުލުހުން ވެސް އަންނަނީ ކައުންސިލު ކުރިމަތީގައި ހަރަކާތްތެރި ވަމުންނެވެ.
މިމައްސަލަ އާއި ގުޅިގެން "ހުވަދޫ މީޑިއާ"އިން ވިލިގިލީ ކައުންސިލަށް ގުޅާލުމުން އެ ކައުންސިލުން ވިދާޅުވީ އެ އަންހެންމީހާ ކުރަމުންދާ އިހުތިޖާޖަކީ ތެދުމައުލޫމާތު ލިބިގެން ކުރާ އިހުތިޖާޖެއް ނޫން ކަމަށެވެ. އަދި އެބުނާ ދެ ރޯހައުސްއަކަށް އިއުލާން ވެސް ނުކުރާ ކަމަށެވެ. އަދި ޕޮއިންޓްސް ވެސް ވަކިމީހަކަށް ދިނުމަށް ނިންމާފައި ނުވާނެ ކަމަށް ވިލިގިލީ ކައުންސިލުން ވަނީ ވިދާޅުވެފައެވެ.
ވިލިގިލީ ކައުންސިލުން އިތުރަށް ވިދާޅުވީ އެ ކައުންސިލުން އުސޫލުން ބޭރުން އަދި ގަވައިދާ ހިލާފަށް އެއްވެސް ކަމެއް ނުކުރާނެ ކަމަށެވެ.
އެ އަންހެން މީހާއަކީ ޚާއްސަ އެހީއަށް ބޭނުންވާ ދަރިންތަކެއް ތިބި އަންހެނެކެވެ.

