ރާއްޖޭގައި އުމްރާއަށް މީހުން ގެންދާ ގްރޫޕެއް ކަމަށްވާ އަސްކޮއި ޓްރެވެލް ސާވީސް ލިމިޓެޑް އިން ފައިސާ ނެގުމަށް ފަހު އުމްރާއަށް މީހުން ނުގެންދިޔަ މައްސަލާގައި އެ ކުންފުންޏަށް ދޫކޮށްފައިވާ ހުއްދަ ހިފަހައްޓައި ކުންފުންޏާ މެދު ފިޔަވަޅު އަޅަން އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.
ތުހުމަތު ކުރެވޭ ގޮތުގައި މިއީ އެ ޖަމާއަތުން ބަޔަކަށް މި ގޮތަށް ލަނޑުދިން ތިންވަނަ ފަހަރެވެ. މީގެ ކުރިން އެފަދަ މައްސަލައެއް ދިމާވެ މިދިޔަ އަހަރުގެ މޭ މަހު އަސްކޮއި 130,000 ރުފިޔާއިން ޖޫރިމަނާވެސް ކުރި އެވެ.
އިސްލާމިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ އުމްރާއަށް ގެންދާނެ ކަމަށް ބުނެ ބައެއްގެ އަތުން ފައިސާ އަތުލައި އަސްކޮއި ޓްރެވެލް ސާވިސް އިން އުމްރާއަށް ނުގެންދިޔަ މައްސަލަ ހުށަހަޅާފައިވާ ކަމަށާއި، އަދި އެ ފައިސާ ދެއްކި މީހުންގެ ޕާސްޕޯޓާއި މުހިއްމު ލިޔެކިޔުންތައް ހޯދަން އަސްކޮއި ގްރޫޕުގެ އިސްވެރިޔާއަށް ގުޅަން ކުރި މަސައްކަތް ކާމިޔާބު ނުވިކަމުގެ ޝަކުވާތައް ވެސް ހުށަހަޅާފައިވާ ކަމަށް ވަނީ ބުނެފައެވެ.
އަސްކޮއި ގްރޫޕަށް ފަސް ފިޔަވަޅެއް އަޅަން ވަނީ ނިންމައިފަ އެވެ. އެއީ:
- އުމްރާއަށް ގެންދަން ދޫކޮށްފައިވާ ހުއްދަ ބާތިލްކުރުން
- ޖޫރިމަނާކުރުން
- ކުންފުނީގެ އެއްވެސް ހިއްސާދާރެއް ހިމެނޭ އެހެން ކުންފުންޏަކަށް ވެސް އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ނުދިނުން
- އުމްރާ ދަތުރަށް ދައްކާފައިވާ ފައިސާ އަނބުރާ ދިނުމަށް އެންގުން
- ޕޮލިހަށް މައްސަލަ ހުށަހެޅުން
އެންމެ ފުރަތަމަ މައްސަލަ ފެންމަތިވީ މިދިޔަ ރޯދަމަހުގެ ފަހު 15 އާއި ޝައްވާލު މަހުގެ ހަ ރޯދަ ހިމެނޭ ގޮތަށް އުމްރާއަށް ދިއުމަށް އެއް އާއިލާއެއްގެ ހަ މީހެއްގެ އަތުން ފައިސާ ނެގުމަށްފަހު ލަނޑު ދިނުމުންނެވެ.
މިނިސްޓްރީން ބުނީ ފިޔަވަޅުތައް ތަންފީޒު ކުރުމަށްޓަކައި އިދާރީ ގޮތުންނާއި ގާނޫނީ ގޮތުން ކުރަންޖެހޭ ހުރިހާ ކަމެއް ފަސްޖެހުމެއްނެތި ކުރަމުންދާނެ ކަަމަށެވެ.

