"ޖަޒީރާ" ނަމުގައި މަސްތުވާތަކެއްޗާއި ހަށިވިއްކުމަށް ހާއްސަކޮށްގެން ހިންގި ޓެލެގްރާމް ޗެނަލްތަކުގެ މައްސަލައިގައި އިބްރާހިމް ރަޝީދު (ދަފްތަރު ނަންބަރު ރސ 12966) އަށް 4 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވައިފިއެވެ.
ފުލުހުންގެ ސައިބަރ ޕޮލިސިންގ ސެންޓަރުން 2024 މާޗު 13 ވަނަ ދުވަހު ހާމަކުރި ގޮތުގައި، ތަފާތު ބޮޑެތި ކުށްތަކަށް އަރައިގަތުމަށް ބޭނުންކުރަމުން ދިޔަ "ޖަޒީރާ އެމްޑިމް"، "ޖަޒީރާ ގާލްސް"، "ޖަޒީރާ އެސްކޯޓް ގެލެރީ"، "ޖަޒީރާ ސްކޭމް އެލާޓް" އަދި "ޖަޒީރާ ލިންކު ހަބަރު" ފަދަ ޓެލެގްރާމް ގްރޫޕުތަކެއް ވަނީ ސީޒްކޮށްފައެވެ.
މި މައްސަލައިގައި އިބްރާހިމް ރަޝީދު (ތ. ވޭމަންޑޫ/ ރެދިންގެ)ގެ އިތުރުން ނިޝާނީ އަލީ އަދި އައިސަރު ނަސީމް (ގދ. ރަތަފަންދޫ/ ވެލީގެ)ގެ މައްޗަށް ދައުލަތުން ވަނީ ދައުވާ އުފުލާފައެވެ. މި ދައުވާތަކުގެ ތެރޭގައި ހަޑިހުތުރު އެއްޗެއް ރައްދުކުރުމާއި، މަނީ ލޯންޑްރިންގ، ރާއްޖޭގައި މީހަކު ލައްވާ ހަށިވިއްކުވުމުގައި އެހީތެރިވެދިނުމާއި، ހަށިވިއްކައިގެން ލިބޭ އާމްދަނީ ބޭނުންކުރުމުގެ ކުށުގެ އިތުރުން މަސްތުވާތަކެތި ބޭނުންކުރުމަށް ނުވަތަ ޓްރެފިކްކުރުމަށް ހިތްވަރުދޭ އެއްޗެހި ފާޅުކުރުމުގެ ދައުވާ ހިމެނެއެވެ.
ކްރިމިނަލް ކޯޓުން އިބްރާހިމް ރަޝީދުގެ މައްޗަށް އެހެން މީހަކު ހަށިވިއްކައިގެން ލިބޭ އާމްދަނީ ބޭނުންކުރުމުގެ ކުށާއި މަނީ ލޯންޑްރިންގގެ ދައުވާ ސާބިތުވާކަމަށް ކަނޑައަޅައި، އިއުތިރާފުގެ އެއްބަސްވުމެއްގެ ދަށުން ޖުމްލަ 4 އަހަރުގެ ޖަލު ހުކުމެއް އިއްވައިފައިވެއެވެ. މީގެ އިތުރުން 462,637.61 ރުފިޔާއިން ޖޫރިމަނާކުރުމަށްވެސް ވަނީ ނިންމާފައެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފައިވާ ގޮތުގައި މި ކުށްތައް ކޮށްގެން ހޯދާފައިވާ ކަމަށް ބެލެވޭ 9.4 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައުލަތަށް ނަގައިދިނުމަށް އެދިފައިވާއިރު، މަނީ ލޯންޑްރިންގގެ މައްސަލައާ ގުޅިގެން އިބްރާހިމް ރަޝީދު ކުރިން ހޭދަކޮށްފައިވާ 474 ދުވަސް ހުކުމުން އުނިކުރެވޭނެއެވެ

