ކުޅުދުއްފުށި ސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ)އާ ހަވާލުކޮށްފިއެވެ. މި މަޝްރޫޢުގެ އަގަކީ 100.4 މިލިއަން ރުފިޔާ ކަމަށްވާއިރު، މަސައްކަތް ނިންމުމަށް ދެވިފައިވަނީ 730 ދުވަހުގެ މުއްދަތެކެވެ.
އިއްޔެ ބޭއްވުނު ރަސްމިއްޔާތެއްގައި މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެވުނެވެ. އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާވެށި ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ހަސަން ރަޝީދު އެވެ. އަދި އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) އަލީ ޒުހައިރު އެވެ.
މި މަޝްރޫޢުގެ ދަށުން 3.4 ކިލޯމީޓަރުގެ މަގުގައި ތާރު އެޅުމާއި ދުވާރުތައް ހެދުމުގެ އިތުރުން ފެން ހިންދާ ނިޒާމް ޤާއިމުކުރެވޭނެއެވެ. އަދި މީގެ އިތުރުން ރޯޑް މާކިންގ އަދި ސައިން ބޯޑުތައް ހަރުކުރުމުގެ މަސައްކަތްވެސް ކުރެވޭނެއެވެ. އަދި ސިޓީގެ ނުހަދާ ހުރި ހުރިހާ މަގެއް ޑިޒައިން ކުރެވިގެންދާނެއެވެ.
ސަރުކާރުން މިހާރު އަންނަނީ މުޅި ރާއްޖޭގައި ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގަމުންނެވެ. މި މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ސަރުކާރުގެ ކުންފުނިތަކާ ހަވާލުކުރަމުން އަންނައިރު، އޭގެ ތެރޭގައި އާރުޑީސީއިން ގިނަ ޕްރޮޖެކްޓްތަކެއް މިހާރުވެސް އަންނަނީ ހިންގަމުންނެވެ.

