ރާއްޖޭގައި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ވެބްސައިޓެއް މިއަދު އިފްތިތާހް ކޮށްފިއެވެ.
އިސްލާމީ މަރުކަޒުގެ ހޯލުގައި މިއަދު ބޭއްވުނު ރަސްމިއްޔާތުގައި މިވެބްސައިޓް އިފްތިތާހުކޮށްދެއްވީ އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީއެވެ.
އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ވެބްސައިޓުގެ އެޑްރެހަކީ www.fatwamajlis.gov.mv އެވެ.
އިސްލާމީ ފަތުވާ ދޭ ވެބްސައިޓް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރ ވިދާޅުވީ އިސްލާމްދީނާމެދު ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގައި މިވެބްސައިޓްގެ ބޭނުން ވަރަށް ފުރިހަމަ ގޮތުގައި ހިފިދާނެ ކަމަށާއި ރައްޔިތުންނަށް ފަސޭހައިން ހިދުމަތް ހޯދޭނެ އިންތިޒާމް، ވެބްސައިޓް މެދުވެރިކޮށް ހަމަޖެއްސުމަށް އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މުވައްޒަފުންގެ ކިބައިން އެދިލައްވާފައިވެއެވެ.
ޑރ.އަހުމަދު ޒާހިރު އަލީ ވިދާޅުވި ގޮތުގައި މިވެބްސައިޓުގައި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން އާންމުކުރާ ފަތުވާތަކާއި އިސްތިޝާރީ ލަފާތަކާއި، ފޯރުކޮށްދޭ ހިދުމަތްތަކުގެ އެންމެ ފަހުގެ މައުލޫމާތާއި ފޮޓޯއާއި، އަދި ޝާއިއުކޮށްފައިވާ ފޮތްތައް ހިމެނިފައިވާނެއެވެ.
މީގެ އިތުރުން އިސްލާމިކް މިނިސްޓްރީން ދެމުން ގެންދާ ޚިދުމަތްތަކަށް މިވެބްސައިޓް މެދުވެރިކޮށް ހުށަހެޅޭނެ އިންތިޒާމް ހަމަޖެހިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

