މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު ރަސްމިއްޔާތެއްގައި ދިވެހިރާއްޖޭގެ އާޓިފިޝަލް އިންޓެލިޖެންސް އެސެސްމަންޓް ރިޕޯޓް ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ. މި ރިޕޯޓް އިފްތިތާހުކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ އަދި އެންސީއައިޓީގެ ވެރިޔާ ޑރ. މުޙައްމަދު ކިނާނަތާއި ޔުނެސްކޯ ސައުތު އޭޝިޔާގެ ޑައިރެކްޓަރ މިސްޓަރ ޓިމް ކާރޓިސްއެވެ.
މި ރިޕޯޓަކީ ޔުނެސްކޯގެ އިސްނެގުމުގެ ދަށުން، އެންސީއައިޓީއާއެކު އެކި ދާއިރާތައް ތަމްސީލުވާގޮތަށް އެކުލަވާލެވުނު ސްޓިއަރިންގ ކޮމިޓީއަކުން ވޭތުވެދިޔަ 10 މަސްދުވަހުގެ ތެރޭގައި ކުރި މަސައްކަތުގެ ނަތީޖާއެވެ. މި ރިޕޯޓް އެކުލަވާލާފައިވަނީ ޔުނެސްކޯއިން 2021 ވަނަ އަހަރު އެކަށައަޅައި، 193 ޤައުމަކުން ތަސްދީޤުކޮށްފައިވާ “ރިކޮމެންޑޭޝަން އޮން އެތިކްސް އޮފް އާޓިފިޝަލް އިންޓެލިޖެންސް” އަށް ބިނާކޮށެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑރ. މުޙައްމަދު ކިނާނަތު ވިދާޅުވި ގޮތުގައި މި ރިޕޯޓުގެ ސަބަބުން ޓެކްނޮލޮޖީއާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތު ތަންފީޒުކުރުމަށް އިތުރު ބާރެއް ލިބި، ޚާއްޞަކޮށް އޭއައިގެ ދާއިރާއިން ކުރިއެރުން ހޯދުމުގެ ދުވެލި އިތުރުވެގެންދާނެއެވެ.
މި ރިޕޯޓުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި، މުޖުތަމަޢުގެ އެންމެން ހިމެނޭގޮތަށް ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު، އިންސާނީ ޙައްޤުތަކާއި ކަރާމާތް ނުގެއްލޭފަދަ ގޮތަކަށް އަދި ތިމާވެއްޓާއި ދެމެހެއްޓެނިވި ތަރައްޤީ ކަށަވަރުކޮށްދޭނެ އުސޫލުތަކެއްގެ މަތިން އޭއައިގެ ބޭނުން ހެޔޮގޮތުގައި ހިފުން ހިމެނެއެވެ. މީގެއިތުރުން، ޒިންމާދާރުކަމާއެކު ދެފުށް ފެންނަ ގޮތަށް ފަރުދުންގެ ޒާތީ މަޢުލޫމާތު ރައްކާތެރިކުރުމަށްވެސް މި ރިޕޯޓުން އިސްކަންދެއެވެ.
މި މުހިންމު ރަސްމިއްޔާތުގައި ޔުނެސްކޯގެ އިސް ވެރިންނާއި، އދ. އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ރެސިޑެންޓް ކޯޑިނޭޓަރ މިސްޓަރ ހައޯ ޒެންގް އަދި ސަރުކާރުގެ އެކި ވުޒާރާތަކުގެ އިސްވެރިންނާއި ޓެކްނޮލޮޖީ ދާއިރާ ތަމްސީލުކުރާ ގިނަ ފަރާތްތަކެއް ބައިވެރިވެވަޑައިގެންނެވިއެވެ.

