ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓަރު އާދަމް ނަޞީރު އިބްރާހީމް، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ އަލަށް އައްޔަނުކުރެވުނު މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ނަޒީމާ މިއަދު ބައްދަލުކުރައްވައިފިއެވެ.
ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓްރީގައި ބޭއްވުނު މި ބައްދަލުކުރެއްވުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނުކުރައްވާފައިވާ، ޣާޒީ ރަދުންގެ އަސަރުތައް ދިރުވުމާއި، ތަރިކައިން އާމްދަނީ ހޯދުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތްތައް ފެށުމަށްޓަކައި ބޭނުންވާ އެންމެ ފަހުގެ އިންތިޒާމުތައް ހަމަޖެއްސުމަށް ބޭއްވުނު މަޝްވަރާ ބައްދަލުވުމެކެވެ.
މި ބައްދަލުކުރެއްވުމުގައި، އާރްޑީސީގެ އާ އެމްޑީ އިބްރާހީމް ނަޒީމަށް ބަހާބެހޭ މިނިސްޓަރު އާދަމް ނަޞީރު އިބްރާހީމް ވަނީ މަރުޙަބާ ދަންނަވައި، މަޤާމުގެ ޒިންމާތައް އަދާކުރެއްވުމުގައި ކާމިޔާބު އެދިވަޑައިގެންފައެވެ.
އިއްޔެ އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް އައްޔަނުކުރެވުނު އިބްރާހީމް ނަޒީމަކީ، މި ދާއިރާއިން ގިނަ ތަޖުރިބާތަކެއް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އަދި ޣާޒީ ރަދުންގެ އަސަރުތައް ދިރުވުމާއި ތަރިކައިން އާމްދަނީ ހޯދުމުގެ މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި އާރްޑީސީން މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ބެލެވެއެވެ.

