ޖުލައި މަހުގެ 28 ވަނަ ދުވަހު އަވަހާރަވި، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އަލްމަރުޙޫމް ޙަސަން ޞާބިރުގެ ހަނދާނުގައި ތަޢުޒިޔާގެ ދަފްތަރެއް މިއަދު އާއްމުކޮށް ހުޅުވާލައިފިއެވެ.
ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން މިއަދު ހާމަކުރި ގޮތުގައި، ދިވެހި ދައުލަތަށް 38 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވި ޞާބިރުގެ ހަނދާނުގައި ހުޅުވާލެވުނު މި ދަފްތަރު ހުޅުވިފައި އޮންނާނީ އޮގަސްޓް 7 ވަނަ ދުވަހުގެ ނިޔަލަށެވެ. ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 10:00 ން މެންދުރުފަހުގެ 1:00 އަށް ވެލާނާގޭގެ 5 ވަނަ ފަންގިފިލާގައި ހުންނަ އެ ވުޒާރާގެ އޮފީހުގައި ދަފްތަރުގައި ސޮއިކުރެވޭނެއެވެ.
ދަފްތަރު ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ދައުލަތުގެ ބައެއް ވަޒީރުން ބައިވެރިވެވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތުގައި ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ދަފްތަރުގައި ސޮއިކުރެއްވިއެވެ.
އަވަހާރަވެވަޑައިގެންނެވިއިރު ޞާބިރު ހުންނެވީ ޖަޕާނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނެވި ސަފީރުކަމުގެ މަޤާމުގައެވެ. އޭނާގެ ގައުމީ ޚިދުމަތުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން ދައުލަތުން އަރުވާ އެންމެ މަތީ ޝަރަފު ކަމުގައިވާ ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާގެ ލަގަބު، 27 ޖުލައި 2025 ގައި ބޭއްވި މިނިވަންދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އޭނާއަށް އަރުވާފައިވެއެވެ.
އާލާސްކަންފުޅާ އުޅުއްވާތީ އެ ޖަލްސާއަށް ޞާބިރަށް ވަޑައިނުގެންނެވުމުން ޝަރަފާ ހަވާލުވެވަޑައިގަތީ އޭނާގެ ދަރިކަނބަލުންނެވެ. އޭގެ އެއްދުވަސް ފަހުން، އުމުރުފުޅުން 73 އަހަރުގައި ޞާބިރު އަވަހާރަވެވަޑައިގަތީ، އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއް ވުމަށްފަހު، ޓްރީޓޮޕް ހޮސްޕިޓަލްގައެވެ.

