ފަލަސްޠީނުގެ ރައްޔިތުންގެ ދާއިމީ ސިޔާދަތަށާއި، ފަލަސްޠީނުގެ ދައުލަތް ބަލައިގަތުމަށާއި، އެ ދައުލަތަށް އދ. ގެ ފުރިހަމަ މެންބަރުކަން ދިނުމަށް، ބައިނަލްއަޤުވާމީ މައިދާނުން ދޭ އެއްބާރުލުމުގެ ފާޅުކަން ބޮޑު ހެއްކެއްގެ ގޮތުގައި "ނިއުޔޯކް ޑެކްލެރޭޝަން" ފާހަގަކުރެވޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ސުލްޙަވެރިގޮތުގައި ފަލަސްޠީނުގެ މައްސަލަ ޙައްލުކުރުމާއި، ދެ ދައުލަތުގެ ޙައްލު ތަންފީޒުކުރުމާ ގުޅޭ ޤަރާރު "ނިއުޔޯކް ޑެކްލެރޭޝަން" ބަލައިގަތުމާ ގުޅިގެން ނެރުއްވި ބަޔާނުގައި ރައީސް މުޢިއްޒު ވިދާޅުވީ، މި ޑެކްލެރޭޝަނަކީ އެމަނިކުފާނުގެ ސަރުކާރުން މަރުޙަބާ ކިޔާ ކަމެއް ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވެފައިވަނީ، މި ޑެކްލެރޭޝަނަކީ އިސްރާއީލުން ފަލަސްޠީނަށް ކެނޑިނޭޅި ދެމުންދާ ޙަމަލާތަކުން ލިބޭ ގެއްލުމުން އަރައިގަތުމަށް ދެމެހެއްޓެނިވި ގޮތްތަކެއް ހޯދައިދިނުމަށާއި، ފަލަސްޠީނުގެ އިޤްތިޞާދީ ޤާބިލުކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ބައިނަލްއަޤުވާމީ މައިދާނުން އެކަށައެޅި ވަރުގަދަ އިލްތިޒާމެއްކަމަށެވެ.
ދިވެހި ސަރުކާރުގެ ޤާއިމު އުސޫލުގެ ގޮތުގައި ރައީސް މުޢިއްޒު ފާހަގަކުރެއްވީ، 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކާ އެއްގޮތަށް، އިރުމަތީ ޤުދުސް ހިމެނޭހެން، ބައިނަލްއަޤުވާމީ ޤާނޫނުތަކާއި އދ. ގެ ގުޅުންހުރި ޤަރާރުތަކާ އެއްގޮތްވާގޮތުގެ މަތިން ފަލަސްޠީނުގައި މިނިވަން، މުސްތަޤިއްލު ދައުލަތެއް ޤާއިމުކުރުން ކަމަށެވެ.
ސަޢޫދީ ޢަރަބިއްޔާ އާއި ފަރަންސޭސިވިލާތުގެ ރިޔާސަތުގައި އދ. ގައި ބޭއްވި މި މަތީ ފެންވަރުގެ ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ޖުލައި 28 އިން 30 އަށެވެ. މި ކޮންފަރެންސްގެ ސަބަބުން ދުނިޔޭގެ ބޮޑެތި ޤައުމުތަކާއި ހުޅަނގުގެ ޤައުމުތަކުން ވެސް ފަލަސްޠީނުގެ ދައުލަތް ބަލައިގަތުމަށް ބާރުއަޅަމުންދާކަން ފާހަގަކުރެވެއެވެ.

