ކީރިތި ޤުރުއާން ހިތުދަސްކުރުމުގެ މާތްކަމާއި އެކަމުގައި ހިމެނޭ ފައިދާތަކުގެ މައްޗަށް އަލިއަޅުވައިލަމުން ކީރިތި ޤުރުއާން ހިތުދަސްކުރުމަކީ އެހެނިހެން ޢިލްމުތައް ޙާޞިލުކުރާން ފަސޭހަވާނޭ ކަމެއް ކަމަށް މިއަދުގެ ޚުތުބާގައި ބުނެފިއެވެ.
"ކީރިތި ޤުރުއާން ހިތުދަސްކުރުމުގެ މާތްކަން" މިމައުޟޫޢަށް ދިން ހުތުބާގައި ބުނީ، ޙަމަކަށަވަރުން "މުސްކުޅިވެ ނުރަޖަހައިފައިވާ މުސްލިމާއަށާއި، ކީރިތި ޤުރުއާން ހިތުދަސްކޮށް ކަންދެއްކުމެއް ނެތި، އަދި އެ ފޮތަށް ފުރަގަސް ދިނުމެއް ނެތި އެ ފޮތް ކިޔަވައި އެއަށް ޢަމަލުކުރާ މީހާއަށާއި ޢަދުލުވެރި ވެރިމީހާއަށް މާތްކޮށް، ހިތައި ކަމޭހިތުމަކީ ﷲ ތަޢާލާ މާތްކޮށް، މަތިވެރިކުރުމުގެ ތެރެއިންވާ ކަމެއް" ކަމަށެވެ.
އާދައިގެ މަތިން މާތް ﷲއަށް ޙަމްދުސަނާ ދެންނެވުމާއި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ޞަލަވާތް ކިޔެވުމަށްފަހު ފެށި މިހުތުބާގައި، ދުނިޔެވީ ޙަޔާތާއި އުޚުރަވީ ޙަޔާތުގައި ޤުރުއާން ދަސްކުރުމުގެ މުހިއްމުކަން ވަނީ ފާހަގަކޮށްފައެވެ.
ހުތުބާގައި ބުނެފައިވަނީ، ކީރިތި ޤުރުއާނަކީ އޭގެ އަކުރަކަށް، ފިއްޔަކަށް ބަދަލު އައުމެއް ނުވާ ގޮތެއްގައި ޤިޔާމަތާ ހަމަޔަށް ދެމިގެންދާ މުޢުޖިޒާތެއްކަމުގައި ލައްވައިފައިވާ މާތް ﷲގެ ކަލާމްފުޅުކަމަށެވެ. އެ ޤުރުއާން ރައްކާތެރިކުރައްވާނެ ގޮތް މާތް ﷲ ވަނީ މެދުވެރިކުރައްވައިފައެވެ. ހުތުބާގައި ބުނީ، ކީރިތި ޤުރުއާން ކިޔަވައި އެ ޤުރުއާން ހިތުދަސްކުރުމަކީ އެ ރައްކާތެރިކުރައްވާނެ ގޮތުގެ ތެރެއިން އެއް ގޮތް ކަމަށެވެ.
ކީރިތި ޤުރުއާން ހިތުދަސްކުރުމަކީ މަރުވުމަށް ފަހުގައިވެސް އޭނާގެ ދަރަޖަ މަތިވެރިވާނޭ ކަމެއް ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ. ކީރިތި ޤުރުއާން ހިތުދަސްކުރުމަކީ އެހެނިހެން ޢިލްމުތައް ޙާޞިލުކުރާން ފަސޭހަވާނޭ ކަމެއްކަމަށާއި، އުންމަތުގެ ސަލަފުންގެ ދުވަސްވަރުގައި ޙަދީޘް ޢިލްމު އުނގަންނަވައިދެއްވުމުގައި ދަރިވަރުން ކީރިތި ޤުރުއާން ހިތުދަސްކުރުން ލާޒިމުކުރެއްވިކަންވެސް ހުތުބާގައި ފާހަގަކުރިއެވެ. އަދި، ހުތުބާގައި ބުނެފައިވާ ގޮތުގައި އިމާމް ނަވަވީ ރަޙިމަހުﷲ ވިދާޅުވެފައިވަނީ، ސަލަފުންގެ ޒަމާނުގައި ކީރިތި ޤުރުއާން ހިތުދަސް ދަރިވަރަކަށް ނޫނިއްޔާ ޙަދީޘް ޢިލްމާއި ފިޤުހު ޢިލްމު އެބޭކަލުން އުނގަންނަވައެއް ނުދެއްވައެވެ.
ކީރިތި ޤުރުއާން ހިތުދަސްކުރުމަކީ ދުނިޔެއާއި އާޚިރަތުގައި ފައިދާ ލިބޭނެ ކަމެކެވެ. ދުނިޔޭގައި ލިބޭ ފައިދާގެ ތެރޭގައި، ޤުރުއާން އެންމެ ރަނގަޅަށް ކިޔަވަން ދަންނަ މީހާއަށް އިމާމުކަން ލިބުން ހިމެނެއެވެ. އަދި އުޙުދު ހަނގުރާމައިގައި ޝަހީދުވި ބޭކަލުންގެ ތެރެއިން ޤުރުއާން އެންމެ ބޮޑަށް ދެނެވަޑައިގަންނަވާ ބޭކަލަކު ކަށްވަޅުގައި ޤިބުލައަށް އިސްކުރެއްވުމުން، މަރުވުމަށްފަހުގައިވެސް ޤުރުއާނުގެ އަހުލުވެރިންގެ ދަރަޖަ މަތިވެރިވާކަން އެނގެއެވެ.
ޤުރުއާން ހިތުދަސްކުރުމުގައި އެންމެ މުހިންމީ މާތްﷲގެ ވަޖުހުފުޅަށްޓަކައި ކުރުމެވެ. ޤިޔާމަތް ދުވަހުން ޤުރުއާނުގެ އަހުލުވެރިޔާއަށް އެފޮތް ކިޔެވުމަށް އަމުރު ކުރެވި، ދުނިޔޭގައި ތަރުތީލުކޮށް ކިޔެވި ފަދައިން ކިޔަވަމުން ގޮސް، އެންމެ ފަހުން ކިޔަވާ އާޔަތާ ހަމައިން އޭނާގެ ދަރަޖަ ސުވަރުގޭގައި ކަނޑައެޅޭނެއެވެ. ޤުރުއާން ހިތުދަސްކުރެވޭނީ ތަކުރާރުކޮށް ކިޔަވައި އަޑުއެހުމުންނެވެ. އަދި ދަސްކުރުމަށްފަހު ޤަވާއިދުން މުރާޖަޢާކުރުން މުހިންމެވެ. މުރާޖަޢާ ނުކޮށްފިނަމަ، ބަނދެފައިވާ ޖަމަލު މޮހެލުމުން ފިލާ ހަލުވި މިނަށްވުރެ އަވަހަށް ހިތުން ފިލައިގެންދާނެކަމަށް ރަސޫލާ ޙަދީޘްކުރައްވާފައިވެއެވެ.
ހުތުބާގައި ކީރިތި ޤުރުއާނުގެ އަހުލުވެރިންނަށް މުޚާޠަބުކޮށް ބުނެފައިވަނީ، ތިބާ ވަނީ މާތް ﷲ ކީރިތި ޤުރުއާން ރައްކައުތެރިކުރައްވާނޭ މީހުންގެ ތެރޭގައި ހިމެނިފައި ކަމަށެވެ. މާތް ﷲ ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި، "ހަމަކަށަވަރުން ޤުރުއާން ބާވައިލެއްވީ ތިމަން ރަސްކަލާނގެއެވެ. އަދި ހަމަކަށަވަރުން ތިމަން ރަސްކަލާނގެ އެ ޤުރުއާން ރައްކާތެރިކުރައްވާހުށީމެވެ."
އެ މީހެއްގެ ހިތުގައި ކީރިތި ޤުރުއާނުން މިންވަރެއް ނުވާ މީހެއްގެ މިސާލަކީ، "ވީރާނާވެފައިވާ ގެއެއްގެ މިސާލު" ކަމަށް ވެސް ހުތުބާގައި ވަނީ ބުނެފައެވެ.
އެހެން ދުވަސްތަކެކޭވެސް އެއްގޮތަށް، ހުތުބާ ނިންމާލީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ޞަލަވާތް ކިޔެވުމަށް ނަސޭހަތްދީ ވަޞިއްޔަތްކޮށް، މުޅި މުސްލިމް އުންމަތަށާއި ޚާއްޞަކޮށް ދިވެހިރާއްޖެއަށް ހެޔޮ ދުޢާތަކަކުންނެވެ.

