ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް މީސްމީޑިއާގައި މަރުގެ އިންޒާރު ދިން މައްސަލައިގައި ތ. ތިމަރަފުށީ މަލަސް، މަސީހް މޫސާ (25 އަހަރު) ކޯޓު އަމުރެއްގެ ދަށުން މިރޭ ވަނީ ހައްޔަރުކޮށްފައެވެ.
ފުލުހުންގެ ފަރާތުން މަޢުލޫމާތު ދިން ގޮތުގައި، މި މައްސަލައިގެ ތަޙުޤީޤަށް މަސީހް މޫސާގެ ފޯނު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. މި މައްސަލައިގެ ތަޙުޤީޤު މިހާރު ދަނީ ކުރިއަށެވެ.
މަސީހް މޫސާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކަށް މަރުގެ އަދަބު ދިނުމާ ގުޅޭގޮތުން ސަރުކާރުން މަޝްވަރާކުރަމުންދާ ކަމަށް ބުނެ ނޫހެއްގައި ޝާއިޢުކުރި ޚަބަރަކާ ގުޅިގެން، ފޭސްބުކްގައި ރައީސުލްޖުމްހޫރިއްޔާއަށް މަރުގެ އިންޒާރު ދިން މައްސަލައިގައެވެ.
ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް މަރުގެ އިންޒާރު ދިނުމަކީ ބޮޑު ކުށެކެވެ. އަދި މިފަދަ ކުށްތަކަށް ހަރުކަށި އަދަބު ކަނޑައެޅިފައިވެއެވެ.

