މިއީ މިޞްރުގެ މަންޞޫރާގައި ހިނގައިދިޔަ ޙަޤީޤީ ޙާދިޘާއެއްގެ މައްޗަށް ލިޔެފައިވާ ވާހަކައެކެވެ.
އޭނާ ކިޔައިދިނެވެ. އަހަރެންނަކީ މިޞްރުގެ މަންޞޫރާގައި ދިރިއުޅެމުން އައި ވަރަށް ފަޤީރު އަންހެނަކީމެވެ. އާދައިގެމަތީން ދުވަސްތައް ވޭތިކުރަމުން ދަނިކޮށް އަަހަރެންގެ ފިރިމީހާ ދަތުރެއްގައި އަވަށުން ބޭރަށް ދާންޖެހުނެވެ.
ފިރިމީހާ ދިޔަ ފަހުން އަަހަރެމެންގެ އަންހެން ދަރިފުޅަށް ބަލިމަޑުކަމެއް އިޙްސާސް ކުރަން ޖެހުނެވެ. އެތުއްތު ދަރިފުޅުގެ ޙަޔާތުގައި ކުރިން އިޙްސާސް ކުރެވިފައި ނުވާފަދަ ތަދުތައް އިޙްސާސް ކުރެވެމުންދާކަން ބުނަމުން ދިޔައެވެ. ނަމަވެސް އެތުއްތު ދަރިފުޅުގެ ކެކުޅުންތަކާއި ކުރުކުރުލުން އަޑު އެހުން ނޫނީ އެހެންކަމެއް މިމަންމައަށް ކުރެވޭކަށް ނެތެވެ. އެހެނީ އަހަރެމެންނީ ފަޤީރުންނެވެ. އަތުގައި ބޭނުން ކޮށްލާނޭ ފައިސާއެއްނެތެވެ. އަދި ކިއެއް ހެއްޔެވެ؟ ހައިހޫނުކަން ފިލުވާނޭ ގޮތެއްވެސް ނެތެވެ. އެހެންނަމަވެސް ޢާލަމްތަކުގެ ވެރި ރައްބާމެދު އޮންނަ ޔަޤީންކަން އަހަރެންގެ ހިތުގައި ބޭއްވޭތޯ އަބަދުވެސް ބަލަމެވެ.
ކޮންމެއަކަސް އަހަރެންގެ މަޖުބޫރީ ޙާލަތު ދަރިފުޅަށް ބަޔާންކޮށްދެމުން ﷲ ގެ ޙަޟްރަތަށް ދެ ރަކުޢަތުގެ ނަމާދެއްކޮށް އެއިލާހުގައި ޙަޟްރަތުގައި އެދި ދަންނަވަމެވެ. އެއަށްފަހު ބަލިޙާލުގައި އޮތް ދަރިފުޅުގެ ގާތަށް ޖެހިލަމެވެ. އެތުއްތު ފުރާނަ އެވެނިމިވެނި ވާހަކައަކުން މަސަލަސް ކުރުމަށްފަހު އަނެއްކާވެސް ﷲ އަށް އެދި ދަންނަވަމުން ދިޔައީމެވެ. ހަމަ ދެ ރަކުޢަތުގެ ނަމާދެއްކުރުމަށްފަހު އެއިލާހުގެ ޙަޟްރަތުގައި ދެއަތް އުފުލާ މިއަޅާގެ މަޖުބޫރީ ޙާލަތު ބަޔާންކުރަމުންނެވެ. މިގޮތުގައި އެތައް އިރެއް ފާއިތުވަމުންގޮސް މެންދަމު 1 ޖަހައިފިއެވެ. ހަމަ ކުއްލިއަކަށް …. ޓަކްޓަކް… ދޮރުގައި މީހަކު ޖަހާލިހެން ހީވިއެވެ. މާބޮޑު ސަމާލުކަމެއް ނުދީ ހިމޭނުން އިންދާ އަނެއްކާވެސް ދެތިން ފަހަރަކު ދޮރުގައި ޓަކި ޖަހާލައިފިއެވެ. ބިރުހުން ހުރެ ތިބާ ތިއީ ކާކުތޯ އަހާލީމެވެ.
” ޑަކްޓަރު. މިއީ ޑަކްޓަރު،” ޖަވާބުގައި ބުންޏެވެ. އަވަސް އަވަހަށް ބުރުގާ އަޅައި ނިވާވެގެންގޮސް ދޮރު ހުޅުވާލީމެވެ.
އެއާއެކު އަންހެން ދަރިފުޅު ކޮބައިތޯ ސުވާލުކުރިއެވެ؟ އަހަރެން ކޮޓަރީގައޭ ބުނުމާއެކު ހަލުވި ދުވެއްޔެއްގައި ކޮޓަރިއަށް ވަނެވެ. އަދި ބަލީގެ ވޭންވަރުގައި ކުރުކުރު ލައްވަމުން ދިޔަ އަހަރެންގެ ދަރިފުޅުގެ ގާތަށް ގޮސް ބަލަން ފަށައިފިއެވެ.
ދަރިފުޅުގެ ޙާލާމެދު ކަންބޮޑުވެފައިހުރިލެއް ބޮޑުކަމުން ޑަކްޓަރާ އެއްވެސް ސުވާލެއް ކުރާންވެސް ހިތަކަށްނޭރިއެވެ. ކޮންމެއަކަސް ދަރިފުޅަށް ބޭސް ލިޔެދީ ބޭސް ސިޓީ އަހަރެންގެ އަތަށް ދިނުމަށްފަހު ޑަކްޓަރު ނިކުންނާން ހިނގައިގަތެވެ. އަދި ބުންޏެވެ. “އަހަރެންގެ އަގު ކޮބައިހެއްޔެވެ؟”
އަހަރެންނަށް ރޮވުނެވެ. އަދި ބޭއިޚްތިޔާރުގައި ބުނެވުނެވެ.
އަހަރެން އަތުގައި ތިބާއަށް ދޭނެ އެއްވެސް އެއްޗެއް ނެތެވެ. މިހެން ބުނުމާއެކު ޑަކްޓަރު ބުންޏެވެ. “ކަލޭގެ ކިބައިގައި ލަދުގެ ކަންފުޅެއްވެސް ނެތީހެވެ؟ މިދަންވަރު އަހަރެންނަށް ގުޅައި އަންނަން ބުނީ ކީއްވެގެންހެއްޔެވެ؟”
ޑަކްޓަރުގެ މިވާހަކައިން އަހަރެންނަށް އިތުރު ހައިރާންކަމެއް ލިބިއްޖެއެވެ. އަދި ބުނީމެވެ. “އަހަންނެއް ތިބާއަކަށް ނުގުޅަމެވެ. އަދި ކިއެއްހެއްޔެވެ؟ އަހަރެން އަތުގައި މޯބައިލް ފޯނެއްވެސް ނެތެވެ.” ހައިރާންކަމާއެކު ޑަކްޓަރުވެސް އަހަރެންނަށް ބަލާލިއެވެ. އަދި ބުންޏެވެ. “ތިބާ ތިބުނަނީ އަހަންނަަކަށް ނުގުޅަމޭ، އެހެންވިއްޔާ މިއީ އެވެނިމިވެނި ނަންބަރު ގެއެއް ނޫން ހެއްޔެވެ؟”
އަހަރެން ބުނީމެވެ. “ނޫން، ތިއީ ކުރިމަތީގައި ތިޔަހުރި ގެއެވެ.”
އަހަރެން މިހެން ބުނުމާއެކު ޑަކްޓަރުގެ ދެލޮލުން ކަރުނަ ހިލިގަތެވެ. އަދި އަޖައިބު ކުރުވަނިވި ގޮތަކަށް ބުނެލިއެވެ. ﷲ ގަންދީ ބުނަމެވެ. މިއީ ﷲ ގެ މޮޅު ރޭއްވެވުންތެރިކަން މެނުވީ ނުވެއެވެ. ތިބާ ތިޔައީ ކާކު ހެއްޔެވެ؟ ތިބާގެ ވާހަކައިން އަހަންނަށް ޚަބަރު ކުރާށެވެ. އަހަރެން އަހަރެންގެ ވާހަކަ ކިޔައިދިނުމާއެކު އަހަރެންގެ ދަރިފުޅަށް ބޭހާއި ކެއުމަށް ބޭނުންވާ ތަކެތި އަދި އެއްމަސް ދުވަހަށް ބޭނުންވާނޭ ވަރަށް ފައިސާވެސް ދިނުމަށްފަހު ޑަކްޓަރު ނިކުމެގެން ހިނގައްޖެއެވެ.
އެކުވެރިންނޭވެ! އަހަރެންގެ މި ވާހަކަ ތިޔަ އެކުވެރީންނާއި މި ހިއްސާކުރަނީ އަހަރެންގެ ވާހަކައިން ޢިބުރަތެއް ލިބިދާނެކަމުގެ އުއްމީދުގައެވެ. ﷲ ގަންދީ ބުނަމެވެ. ކެތްތެރިކަމާއި ނަމާދުން ވާގި ލިބިގަނެ ﷲ އަށް ވަކީލުކުރާށެވެ. އެއިލާހީ އެއިލާހަށް އިޚްލާޞްތެރިކަމާއެކު ދަންނަވާ އަޅުންނާއެކު ވޮޑިގެންވާ އިލާހެވެ.
އެއިލާހު ކީރިތި ޤުރްއާނުގައި އަންގަވާފައިވާ ފަދައިންނެވެ. “އަދި ﷲ އަށް ތަޤްވާވެރި މީހާ ދަންނާށެވެ! އޭނާއަށް ނިކުންނާނޭ މަގެއް ތިމަންއިލާހު ދައްކަވާހުށީމެވެ!”

