ހެނދުނު އަވަހަށް ހޭލުމަކީ ކާމިޔާބު މީހުންގެ އެންމެ މުހިންމު އެއް އާދައެވެ. އިސްލާމްދީނުގައިވެސް ފަތިހު ހޭލުމުގެ މުހިންމުކަން ވަރަށް ބޮޑަށް ފާހަގަކުރައްވާފައިވެއެވެ. ޚާއްޞަކޮށް ފަތިސް ނަމާދަށް ހޭލުމަކީ މުސްލިމުންގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ. މިއަދު ދުނިޔޭގެ އެންމެ ކާމިޔާބު ވިޔަފާރިވެރިންނާއި ލީޑަރުން ވެސް ހެނދުނު އަވަހަށް ހޭލުމުގެ މުހިންމުކަން ފާހަގަކުރެއެވެ. އަދި ސައިންސްވެސް ވަނީ މިކަމުގެ ދަލީލުތައް ހޯދައި ސާބިތުކޮށްދީފައެވެ/
ޖިސްމާނީ އަދި ނަފްސާނީ ފައިދާތައް؛ ހެނދުނު އަވަހަށް ހޭލުމުން ލިބޭ އެންމެ މުހިންމު އެއް ފައިދާއަކީ ހަށިގަނޑާއި ސިކުނޑި ތާޒާވުމެވެ. ހެނދުނުގެ ވަގުތަކީ ކަސްރަތުކުރުމަށާއި، ޔޯގާ ފަދަ ހަރަކާތްތައް ކުރުމަށް އެންމެ އެކަށީގެންވާ ވަގުތެވެ. ހެނދުނުގެ އިރުގެ އަލިކަމަކީ ހަށިގަނޑަށް ވަރަށް މުހިންމު ވިޓަމިން ޑީ ލިބޭ މަގެކެވެ. އަދި މިވަގުތުގައި މަސައްކަތްކުރުމުން ހަށިގަނޑުގެ ހަކަތަ އިތުރުވެ، މުޅި ދުވަހު ހަރަކާތްތެރިކަމާއެކު މަސައްކަތްކުރެވޭނެއެވެ.
ގޭތެރޭގެ މަސައްކަތްތަކާއި ދިރިއުޅުމުގެ އިންތިޒާމު؛ ހެނދުނު އަވަހަށް ހޭލުމުން ގޭތެރޭގެ މުހިންމު މަސައްކަތްތައް ފުރިހަމަކުރުމަށް ފުރުސަތު ލިބެއެވެ. ހާއްސަކޮށް އަންހެނުންނަށް ގެ ސާފުކުރުމާއި، ހެނދުނުގެ ކެއުން ތައްޔާރުކުރުމާއި، ދޮވެ އިސްތިރިކުރަންޖެހޭ ފޭރާން ތައްޔާރުކުރުން ހިމެނެއެވެ. އަދި ފިރިހެނުންނަށްވެސް ހެނދުނުހެނދުނާ ހޭލައިގެން ތައްޔާރުވުމަކީ ގަޑިނުޖެހި އޮފީހަށް ދިއުމާއި މުހިންމު އެހެނިހެންކަންތަކަށް މަގުފަހިކުރުވާ ކަމެކެވެ. އަދި ހެނދުނު ގޭތެރޭގެ ކަންކަން ނިންމާލެވުމުން، އޮފީހުން އެނބުރި އައުމަށްފަހު ލިބޭ ވަގުތަކީ އަރާމުކުރުމަށާއި އާއިލާއާއެކު ހޭދަކުރުމަށް ލިބޭ ވަގުތަކަށް ވެގެންދެއެވެ. މިޒަމާނުގައި ޝިފްޓް ޑިއުޓީ ކުރާ މީހުންނަށް މިއީ ގޮންޖެހުން ބޮޑު ކަމަކަށް ވާނެއެވެ. އެހެންނަމަވެސް ވަޒީފާ އަދާ ކުރި ކަމުގައި ވިޔަސް ފަތިސް ނަމާދުން ދުވަސް ފެށުމާއި ހެނދުނު ބޭނުން ފުރިހަމަ ގޮތުގައި ހިފުމަކީ ނުކުރެވޭނެ ކަމެއް ނޫނެވެ. ވަގުތު މެނޭޖު ކުރުމަށްވެސް އެންމެ ފަސޭހަ ވާނީ ފަތިސް ނަމާދަށް ހޭލުމުން ދުވަސް ފެށުމުންނެވެ.
އަމިއްލަ ތަރައްޤީއަށް ލިބޭ ފުރުސަތު؛ ހެނދުނުގެ ހިމޭން ވަގުތުތަކަކީ އަމިއްލަ ނަފްސާމެދު ވިސްނައި، ކުރިއަށް އޮތް ދުވަހުގެ ޕްލޭން އެކުލަވާލުމަށް އެންމެ އެކަށޭނަ ވަގުތެވެ. މިވަގުތުގައި ޤުރުއާން ކިޔެވުމާއި، ފޮތް ކިޔުމާއި، ޖާނަލް ލިޔުން ފަދަ ރޫހާނީ އަދި ފިކުރީ ކަންކަމަށް ވަގުތު ހޭދަކުރެވިދާނެއެވެ. މިކަމުން އަމިއްލަ ނަފްސު ތަރައްޤީކޮށް، އަމިއްލަ ލަނޑުދަނޑިތައް ހާސިލުކުރުމަށް މަގުފަހިވެގެންދެއެވެ.
ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށް މަގުފަހިވުން؛ ހެނދުނު އަވަހަށް ހޭލުމުގެ އާދަ ހެދުމުން ރޭގަނޑު އަވަހަށް ނިދުމަށް މަޖުބޫރުވެއެވެ. މިއީ ރަނގަޅު ނިދީގެ އާދަތައް ދެމެހެއްޓުމަށް ވަރަށް މުހިންމު ކަމެކެވެ. އަދި މިކަމުގެ ސަބަބުން ހަށިގަނޑަށް ބޭނުންވާ މިންވަރަށް ނިދި ލިބި، ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން އިތުރުވެގެންދެއެވެ.
ހެނދުނު އަވަހަށް ހޭލުމަކީ ކާމިޔާބު ދިރިއުޅުމެއް އުޅުމަށް ވަރަށް މުހިންމު ބިންގަލެކެވެ. މިކަމުގެ ސަބަބުން ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން އިތުރުވެ، ދިރިއުޅުމުގެ އެކިއެކި ކަންކަން ފުރިހަމަކުރުމަށް ފަސޭހަވެގެންދެއެވެ. އަދި މިއީ އިސްލާމްދީނުގައިވެސް ބާރުއަޅުއްވާފައިވާ، ދުނިޔެއާއި އާޚިރަތުގެ ކާމިޔާބަށް މަގުފަހިވެގެންދާނެ ކަމެކެވެ.

