ފަރުކޮޅުފުށި ސަރަހައްދު ޕާކެއްގެ ގޮތުގައި ތަރައްޤީކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެއެވެ.
މިއިީ މި އަހަރު އިފްތިތާހުކުރި ހުޅުމާލޭގެ މާސްޓަރ ޕްލޭންގައި ހިމެނޭ މުހިންމު އެއް މަސައްކަތެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހި ހިއްކާ އެތަނުގައި މީހުން ދިރިއުޅޭތާ 5 އަހަރެއްހާ މުއްދަތު ވެގެންދިޔައިރުވެސް އެތަނުގައި، އާއްމުން އެއްވެލާ ކުޑަކުދިން ގޮވައިގެން އުޅެލެވޭނެ މާ ގިނަ ސަރަޙައްދެއް ނެތެވެ. އެއްވުންތަކަށް ބޭނުންކުރާ މައި ސަރަޙައްދަކީ ބީޗް އޭރިއާއެވެ. މިހާތަނަށްވެސް، އެކަށީގެންވާ ޕާކެއް ނުވަތަ ގްރީން ސްޕޭސްއެއް ތަރައްޤީކޮށްފައެއް ނެތެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ވިދާޅުވީ ފަރުކޮޅުފުށީގައި ދުވަސްވީ “އެސްޖެހި ގެ” އިމާރާތް އެގޮތުގައި ދެމެހެއްޓުމުގެގޮތުން ބައެއް މަރާމާތުގެ މަސައްކަތްތައްވެސް ކުރިއަށްގެންގޮސްފަވާކަމަށެވެ.
ފަރުކޮޅުފުށި ޕާކުގައި ރެކްރިއޭޝަނަލް ގިނަ ހަރަކާތްތަކެއް ގެންދެވޭގޮތަށް ތަރައްޤިކުރާނެއެވެ. އެޗްޑީސީން ވިދާޅުވީ އެތަނުގައި އައުޓް ޑޯރ ޖިމަކާއި ފުޓްބޯޅަ ޕިޗް އަދި އެކިކަހަލަ ކުޅިވަރު ކުޅެވޭނެ ފެސިލިޓީތައް ހުންނާނެކަމަށެވެ.

