ވެލިދޫގެ ބިން ހިއްކުމުގެ މަސައްކަތުގައި، އެރަށުން ބިން ހިއްކާ ސަރަޙައްދަށް ވެލި އެޅުމުގެ މަސައްކަތްތައް ނިންމާލައިފިއެވެ.
އެ މަސައްކަތަކީ މި ފަހުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ވައުދުވެލެއްވި މަސައްކަތެކެވެ. އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ ޖުލައި 23 ވަނަ ދުވަހުއެވެ.
ބިން ހިއްކުމުގެ މަސައްކަތް ޢަމަލީގޮތުން އެރަށުގައި އިފްތިތާޙުކޮށްދެއްވީ އިމާރާތްކުރުމާ ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ.
ނ. ވެލިދުއިން ހިއްކާފައިވާ ސަރަޙައްދަކީ ރަށުގައި އޮޑިދޯނިފަހަރު ބާލާ އެހެލުމަށާއި އަދި ފައިބަރު މަސައްކަތް ކުރުމަށް ހިއްކި ސަރަޙައްދެކެވެ. މި މަސައްކަތުގައި އެރަށު ފަޅުން 2.7 ހެކްޓަރުގެ ސައްޙައްދުވަނީ ހިއްކާފައެވެ.
ވެލިދޫ ބިން ހިއްކުމުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީ އާއި ހަވާލުކޮށްފައިވާއިރު، އެމްޓީސީސީއިން ބުނީ ވެލިދޫ ހިއްކާ ސަރަހަށްދަށް ވެލި އެޅުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި، އަދި މިހާރު ކުރިއަށްދަނީ ހިއްކި ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތް ކަމަށެވެ.
އެ ސަރަހައްދު ހިމާޔަތްކުރުމަށް 443 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ޖަހާނެއެވެ.
މި މަޝްރޫޢުއަކީ ރަށުގައި އޮޑިދޯނި ގެންގުޅޭ ފަރާތްތަކަށް ލުއިފަސޭހަކުރުމާއި އަދި ވިޔަފާރިއަށް ފައިބަރު މަސައްކަތް ކުރަން ބޭނުންވާ މީހުންނަށް ރަށުގައި ތިބެގެން އެ މަސައްކަތް ކުރެވޭނެ މަގު ފަހިކޮށްދިނުމަށް ކުރިއަށްގެންދާ މަސައްކަތެކެވެ.

