ފުވައްމުލަކު ހޮސްޕިޓަލުގައި މިމަހުގެ ތެރޭ ސީޓީ ސްކޭންގެ ޚިދުމަތް ފެށުމަށް ތައްޔާރުވާން ފަށައިފިއެވެ.
ފުވައްމުލަކު ހޮސްޕިޓަލުން ބުނީ، މި މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށްދަނީ ސީޓީ ސްކޭން މެޝިން އިންސްޓޯލްކުރުމުގެ މަސައްކަތްކަމަށެވެ.
ފުވައްމުލަކުގެ ޞިއްޙީ ޚިދުމަތް ފުޅާކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން އެސިޓީއަށް އެންމެ ބޮޑަށް ބޭނުންވެފައިވާ އެއް ޚިދުމަތަކީ ސީޓީ ސްކޭންގެ ޚިދުމަތްކަން އެރަށު ހޮސްޕިޓަލުން ފާހަގަކުރެއެވެ.
މި މައްސަލައަށް ޙައްލެއް ގެނެސްދިނުމުގެ ގޮތުން ސިއްޙީ ވުޒާރާއިން އެ ހޮސްޕިޓަލުގައި ސީޓީ ސްކޭނުގެ ޚިދުމަތް ފެށުމަށް، އިމާރާތަށް ބައެއް ބަދަލު ގެނެސް، ޖާގަ އިތުރުކުރުމުގެ މަސައްކަތް އީކޮން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްފައިވަނީ 2023 ވަނަ އަހަރުއެވެ.
މިއީ ދެމިލިޔަން ނުވަލައްކައަށް ވުރެ ގިނަ ރުފިޔާގެ މަޝްރޫޢެކެވެ.

