ގއ ގެމަނަފުށީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވަމުން އަންނަ ކައުންސިލް ވޮލީ މުބާރާތް 2025 ގެ ސެމީގެ 3 ވަނަ މެޗުގައި ވަރުގަދަ ކަނޑުހުޅުދޫގެ މައްޗަށް ކުރި ހޯދައި މުބާރާތުގެ ފައިނަލުން ފުވައްމުލަކު ސިޓީގެ ސީކުއީން ޖާގަ ހޯދައިފިއެވެ.
ގެމަނަފުށީ ރަސްމީ ވޮލީ ކޯޓުގައި ކުރިއަށްދިޔަ މި މެޗު ސީކުއީން އިން ކާމިޔާބު ކުރީ ސީދާ 3 ސެޓުންނެވެ.
މުބާރާތުގައި މިއަދުގެ މެޗާއި ކަނޑުހުޅުދޫން ކުރިމަތިލި އިރު ލީގު ބުރުގައި މި 2 ޓީމް ވަނީ ވާދަކޮށްފައެވެ. އެމެޗު ފަސޭހަ ކަމާއިއެކު 3 ސެޓު އެއް ސެޓުން ކާމިޔާބު ކުރީ ކަނޑުހުޅުދޫއެވެ. އެ މެޗުގައި ކަނޑުހުޅުދޫ ޓީމްގެ ފަަރާތުން މޮޅު ކުޅުމެއް ވަނީ ފެނިގެން ގޮސްފައެވެ.
މެޗުގެ ފުރަތަމަ ސެޓުގައި ސީކުއީންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، މި ސެޓުގައި ކަނޑުހުޅުދޫގެ ނިންމުންތައް އެހާ ރަނގަޅެއް ނޫނެވެ. އަދި ބޮޑު ލީޑަކާއިއެކު މިސެޓު 25،13 އިން ސީކުއީން ކާމިޔާބު ކުރިއެވެ. މެޗުގެ ދެވަނަ ސެޓުގައި ކަނޑުހުޅުދޫގެ ކުޅުން ވަރަށްބޮޑުތަން ރަނގަޅުކޮށްފައިވެއެވެ. އަދި ކާމިޔާބު ނިންމުންތައް ފެނިގެންދިޔަ މި ސެޓު ދިޔައީ ވަރަށް ވާދަވެރިކޮށެވެ. ދެ ޓީމްގެ މެދުގައި މާބޮޑު ތަފާތެއްނެތި ދިޔަ މިސެޓުގެ ފަހުކޮޅު ކަނޑުހުޅުދޫގެ މައްޗަށް ކުރި ހޯދައި 25،23 އިން ސީކުއީން ސެޓު ކާމިޔާބު ކުރިއެވެ. ތިން ވަނަ ސެޓުގެ ކުޅުން ފެށިގެން ކަނޑުހުޅުދޫއިން ލީޑު ކުރި ނަމަވެސް މަޑުން މަޑުން ކުޅުން ރަނގަޅުކޮށް ސީކުއީން އިން ވަނީ ސެޓުގެ ލީޑު ފުރަތަމަ ފަހަރަށް 14،13 އިން ނަގާފައެވެ. މިލީޑުގެ ތަފާތު ބޮޑުކޮށް 25،16 އިން ސެޓުގައި ތިން ސެޓުން ކަނޑުހުޅުދޫގެ މައްޗަށް ކުރި ހޯދައި މުބާރާތުގެ ފައިނަލްގެ ދެވަނަ ޓީމްގެ ގޮތުގައި ސީކުއީން ވަނީ ފައިނަލުން ޖާގަ ހޯދާފައެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ މި މެޗުގައި ތަފާތު މޮޅު ކުޅުމެއް ދެއްކި ސީކުއީންގެ ޖާޒީ ނަންބަރު 13 އާމިނަތު އަޒީމާ އެވެ.
މިމުބާރާތުގެ ލީގު ބުރުގައި ވަރުގަދަ ކުޅުމެއް ދެއްކި ކަނޑުހުޅުދޫއިން ވަނީ ހުރިހާ މެޗެއް ކާމިޔާބުކޮށްފައެވެ. މީގެ ތެރޭގައި ސީކުއީން ވެސް ހިމެނެއެވެ. އެމެޗް 3،1 ސެޓުން ކާމިޔާބު ކުރީ ކަނޑުހުޅުދޫއެވެ.
މުބާރާތުގައި ބައިވެރިވެފައިވާ ފިރިހެން ޓީމްތަކަކީ ގެމަނަފުށި ވޮލީ ކުލަބު، ވެލާ، ފޭސް ފިޔޯރީ ވޮލީޓީމް، ކާމިޔާބު ވޮލީޓީމް، ހުޓިކޮޑާ، އަދި ނިލަންދޫ ވޮލީޓީމެވެ. އަދި އަންހެން ޓީމްތަކަކީ ސީ ކުއީންސް، ގެމަނަފުށީ ވޮލީ ކުލަބު، ކަނޑުހުޅުދޫ ވޮލީޓީމް، އިގްނައިޓް ޖޫނިއާސް، ހުޓިކޮޑާ ކަނބަލުންނެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމްއަށް 50000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ނިންމާފައިވާއިރު ރަނަރަޕް ޓީމަށް 25000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށައަޅާފައެވެ.
މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ގެމަނަފުށީ ކައުންސިލެވެ. އޮންލައިން މީޑިއާ ޕާޓްނަރަކީ ހުވަދޫ މީޑިއާއެވެ.

