ލ. މާވަށުގައި ވަޅިން ހަމަލާދީ ޒުވާނަކު މަރާލި މައްސަލައިގެ ތުހުމަތު އޮތް މީހާ، އެ ރަށު ޕޮލިސް ސްޓޭޝަނަށް ހާޒިރުވިއިރު އެވަގުތު ސްޓޭޝަންގައި ފުލުހަކު ނެތް ސަބަބު ދިވެހި ފުލުހުންގެ ޚިދުމަތުން ސާފުކޮށްދީފިއެވެ.
މިދިޔަ މަހުގެ 28 ވަނަ ދުވަހު ހެނދުނު ހިނގި ހާދިސާގައި މަރުވެފައިވަނީ ލ. މާވަށު، ނަލަހިޔާގޭ އުމުރުން 29 އަހަރުގެ މޫސާ އިބްރާހީމެވެ. އޭނާއަށް ހަމަލާދީ މަރާލާފައިވަނީ ހދ. ނޮޅިވަރަންފަރު، އަސަރީމަންޒިލް، އުމުރުން 29 އަހަރުގެ މުހައްމަދު އިބްރާހީމް (މޯޑް)އެވެ.
އެ ރަށުގެ ބައެއް މީހުން ބުނާ ގޮތުން މޫސާއަށް ހަމަލާދީ މަރާލުމަށް ފަހު މުހައްމަދު އިބްރާހިމް ވަނީ މޫދަށް ގޮސް ވަޅި އެއްލާލާ އަތްފައި ދޮވެގެން ޕޮލިސް ސްޓޭޝަނަށް ހާޒިރުވެފައެވެ. ނަމަވެސް އެ ވަގުތު އެއްވެސް ފުލުހަކު ނެތް ކަމަށެވެ. އަދި ސްޓޭޝަން ހުރީ ހުސްކޮށް ކަމަށް ބުނެފައިވެއެވެ.
އެކަމާއި ގުޅޭގޮތުން ސުވާލުކުރުމުން ފުލުހުން މިއަދު ވަނީ އެހެން ދިމާވި ގޮތް ސާފުކޮށްދީފައެވެ. ފުލުހުން ބުނީ މަރުގެ މި މައްސަލާގައި ތުހުމަތުކުރެވޭ މީހާ ސްޓޭޝަނަށް ހާޒިރުވެފައިވަނީ މައްސަލައިގެ ރިޕޯޓު ލިބުމުން ސްޓޭޝަންގެ ހުރިހާ ފުލުހުން ކުށުގެ ވެއްޓަށް ދިޔަ ވަގުތު ކަމަށެވެ. ސްޓޭޝަން ހުސްކޮށް ހުރީ އެ ސަބަބާއި ގުޅިގެން ކަމަށެވެ.
މި މައްސަލައާ ގުޅިގެން މުހައްމަދު އިބްރާހިމް ހައްޔަރުކޮށް މުއްދަތު ޖަހަން ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދު ކުރަން ވަނީ އަމުރުކޮށްފައެވެ.

