ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް މަރުގެ އިންޒާރު ދިން މައްސަލާގަައި ރޭ ހައްޔަރުކޮށްފައިވާ މީހާގެ ބަންދަން 10 ދުވަސް ޖަހައިފިއެވެ.
މި މައްސަލައާ ގުޅިގެން ތ. ތިމަރަފުއްޓަށް ނިސްބަތްވާ އުމުރުން 25 އަހަރުގެ މަސީހު މޫސާ ހައްޔަރުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.
ފުލުހުން މިރޭ ބުނިގޮތުގައި މަސީޙްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިޔުމުން އޭނާ 10 ދުވަހު ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މަސީހު ވަނީ މީސް މީޑިއާގައި ރައީސްއަށް މަރުގެ އިންޒާރުދީފައެވެ. އެ އިންޒާރު ދީފައިވަނީ، މަސްތުވާތަކެތި އެތެރެކޮށް ވިއްކާ ފަރާތްތަކަށް މަރުގެ އަދަބު ދިނުމާ ބެހޭ ގޮތުން މަޝްވަރާކުރަން ރައީސް އެންގެވުމާ ގުޅޭ ހަބަރަކާ ގުޅިގެން އޭނާ ކުރި ޕޯސްޓެއްގައެވެ.
މަސީހު ވަނީ ރައީސަށް ހުތުރުބަހުން މުހާތަބުކޮށް އެމަނިކުފާނު “މަރާލަން ޖެހޭ” ކަމަށް ލިޔެފައެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު މީސް މީޑިއާ މެދުވެރިކޮށް ރައީސަށް އިންޒާރު ދިން މައްސަލައެއް ވެސް ފުލުހުން ވަނީ ތަހުގީގުކޮށްފައެވެ.

