ިޖުލައި 2025 ވަނަ ދުވަހު ސޯޝަލްމީޑިއާގެ އެކި މަންސަތަކުގައާއި، ރާއްޖޭގެ ނޫސްތަކުގައި ލިޔެފައިވާ މަޢުލޫމާތުތަކާއި، ޚަބަރުތަކާއި ގުޅިގެން ޢާންމު ރައްޔިތުންނަށް މިމައްސަލަ ހިނގާފައިވާގޮތް ސާފްކޮށްދިނުމަށްޓަކައި ގއ.ވިލިނގިލީ ކައުންސިލުން ނެރޭ ނޫސްބަޔާނެއް ނެރެފިއެވެ.
ވިލިގިލީ ކައުންސިލުން ނެރުނު ނޫސްބަޔާނުގައި ވަނީ އެ ރަށުގައި އިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓްތަކުގެ ތެރެއިން ދޫނުކުރެވިވާ ދެ ހައުސިންގ ޔުނިޓަށް އެދި ހުށަހެޅުމަށް 18 ޖަނަވަރީ 2021 ވަނަ ދުވަހު ކުރެވުނު މިއިދާރާގެ ނަންބަރ: (IUL)407/2021/02 އިޢުލާނާއި ގުޅިގެން 125 ފަރާތަކުން 126 ފޯމް މިއިދާރާއަށް ހުށަހަޅާފައިވެއެވެ.
އަދި މި އިދާރާއިން އެ ފޯމުތަކާއި، ފޯމާއެކު ހުށަހަޅާފައިވާ ލިޔެކިޔުންތަކަށް ދޭންޖެހޭ މާކްސް ދިނުމާއި، އަދި ދިރިއުޅުމުގެ ޙާލަތު ވަޒަންކުރުމަށް ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރަމުންދަނިކޮށް، ޢާންމު ފަރާތަކުން ކުރި ޝަކުވާއަކާ ގުޅިގެން އެންޓި-ކޮރަޕްޝަން ކޮމިޝަނުން އެ 2 ހައުސިންގ ޔުނިޓާއި ބެހޭގޮތުން މަޢުލޫމާތު ހޯދުމަށް ހުށަހެޅުމާއި، ގުޅިގެން ހައުސިންގ ޔުނިޓްތައް ދިނުމުގެ އެންމެހައި މަސައްކަތްތައް މަޑުޖައްސާލުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އަންގާފައިވާ ކަމަށް ވިލިގިލީ ކައުންސިލުން ވަނީ ވިދާޅުވެފައެވެ.
އެ މަސައްކަތް މަޑުޖައްސާލަން އެންގިއިރު ދިރިއުޅުމުގެ ޙާލަތު ވަޒަންކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވިފައި ނުވާކަމަށް ވިލިގިލީ ކައުންސިލުގެ ބަޔާނުގައިވެއެވެ.
މިނިސްޓްރީގެ އިރުޝާދާ އެއްގޮތަށް ހައުސިންގ ޔުނިޓްތައް ދޫކުރުމުގެ މަސައްކަތް ވަގުތީގޮތުން މެދުކަނޑާލެވިފައިވަނިކޮށް، އެ މަސައްކަތް އަލުން ފެށުމުގެ ހުއްދަ މި ކައުންސިލަށް ލިބުމާ ގުޅިގެން، ފާއިތުވި 4 އަހަރުގެ ތެރޭގައި ހައުސިންގ ޔުނިޓްތަކަށް އިޢުލާންކުރެވުނު އިރު ކުރިމަތިލި ފަރާތްތަކުގެ ދިރިއުޅުމުގެ ޙާލަތު (4 އަހަރު ކުރި) ބެލެން ނެތުމުން، މި ޔުނިޓްތައް ދޫކުރުމުގެ މަސައްކަތް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ ޕޯޓަލް ތެރެއިން އަލުން އިޢުލާންކޮށްގެން ކުރިއަށްގެންދިއުމަށް ކައުންސިލްގެ އާއްމް ޖަލްސާގެ ނިންމުމާއި އެއްގޮތަށް ވާނީ އެވުޒާރާގައި ދެންނެވިފައިވާ ކަމަށް ވެސް ބަޔާނުގައި ވެއެވެ.
މީގެ އިތުރުން ކައުންސިލުގެ ބަޔާނުގައި ވަނީ އެ މަސައްކަތް މެދުކަނޑާލެވުނު އިރު، ދިރިއުޅުމުގެ ޙާލަތު ވަޒަންކުރުމުގެ މަސައްކަތް ފުރިހަމަކުރެވިފައިނުވާތީ، މި ކައުންސިލުން ދޫނުކުރެވިވާ 2 ހައުސިންގ ޔުނިޓް އެއްވެސް ފަރާތަކަށް ދިނުމަށް ނުވަތަ ނުދިނުމަށް އެއްވެސް ނިންމުމެއް މިކައުންސިލުން ނިންމާފައިނުވާނެ ކަމަށާއި، އަދި ރައްޔިތުންނާ ގުޅުންހުރި އެންމެހައި މަސައްކަތްތަކަކީ ޤާނޫނާއި ޤަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން، އެންމެ އިންޞާފުވެރިކަމާއެކު ކުރަންޖެހޭ ކަންކަމެވެ. އެހެންކަމުން، މިފަދަ މައްސަލަތައް ނިންމުމުގައި އެންމެ ޢަދުލުވެރި ގޮތުގައި، އަދި ޙައްޤުވެރި ފަރާތްތަކަށް އެފަރާތްތަކުގެ ޙައްޤުތައް ހޯދައިދިނުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް އެ ކައުންސިލުން ދެމެހެއްޓެނިވި ގޮތެއްގައި ކުރަމުންގެންދާކަމާއި، އަދި ކުރިއަށްގެންދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ވަނީ ވިލިގިލީ ކައުންސިލުން އަރުވާފައެވެ.
އަދި ހަމައެހެންމެ، ސޯޝަލްމީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ޒިންމާދާރުކުޑަކޮށް، ކައުންސިލްގެ އަގު ވައްޓާލުމުގެ ނިޔަތުގައި ފަތުރާ ޙަޤީޤަތާ ޚިލާފު ވާހަކަތަކަކީ އެ ކައުންސިލުން ކަންބޮޑުވެ މިކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމެއް ކަމަށް ވިލިގިލީ ކައުންސިލުން ވަނީ ވިދާޅުވެފައެވެ.

