އެމްޓީސީސީން އާއްމުކޮށްފައިވާ މި އަހަރުގެ ދެވަނަ ކުއާޓަރގެ މާލީ ރިޕޯޓުގައިވާ ގޮތުން، އެ ކުއާޓަރުގައި ޖުމްލަ 313 މަޝްރޫޢެއްގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވެއެވެ. މީގެ އިތުރުން 35 އައު މަޝްރޫޢެއް ވަނީ އެ ކުންފުންޏާ ހަވާލުކޮށްފައެވެ.
ނިމިފައިވާ 9 މަޝްރޫޢުގެ ތެރޭގައި ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތްތަކާއި، ބަނދަރު އަދި އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުތަކާއި، މަގު ހެދުމާއި އިމާރާތްކުރުމުގެ މަޝްރޫޢުތައް ހިމެނެއެވެ. ކުރިއަށްގެންދާ 313 މަޝްރޫޢުގެ ތެރޭގައި އިމާރާތްކުރުމުގެ 87 މަޝްރޫޢާއި، ބަނދަރު ހެދުމުގެ 71 މަޝްރޫޢު އަދި ބިން ހިއްކުމުގެ 32 މަޝްރޫޢު ހިމެނެއެވެ.
މަސައްކަތުގެ ފެންވަރު ރަނގަޅުކުރުމަށް އެމްޓީސީސީން ކުރި މަސައްކަތްތަކުގެ ސަބަބުން، އެ ކުންފުނީގެ ބިން ހިއްކުމުގެ ޤާބިލުކަން ދުވާލަކަށް 29 އިންސައްތަ އިތުރުވެފައިވާކަމަށް ވަނީ ފާހަގަކޮށްފައެވެ.
އެމްޓީސީސީގެ މާލީ ރިޕޯޓުގައިވާ ގޮތުން، މި ކުއާޓަރގައި 490.3 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު، ޓެކްސްއަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 27.9 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

