މާލޭގެ ޗާންދަނީ މަގުގައި ހުންނަ އެމްޑީޕީ ހަރުގެއަށް ގެއްލުން ދިނުމުގެ މައްސަލައިގައި 49 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދިން ގޮތުގައި، މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ އޮގަސްޓް 1 ވަނަ ދުވަހުގެ ރޭ 1:30 އެހާކަށްހާއިރުއެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ މާލެ / މ. ސްޓާ މުހަންމަދު ރަޒީނެވެ.
އެމްޑީޕީގެ މައި އޮފީސް ކަމުގައިވާ ހަރުގޭގެ ދޮރަށް ގެއްލުން ދިނުމުގެ މި މައްސަލައިގެ ތަހުގީގު މިހާރު ދަނީ ކުރިއަށެވެ. އަދި މި މައްސަލައިގައި އިތުރު ބަޔަކު ބައިވެރިވެފައިވޭތޯ ބަލަމުންދާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ސިޔާސީ ޕާޓީތަކުގެ މަރުކަޒުތަކަށް ގެއްލުން ދިނުމަކީ ކުށެއްކަމާއި، މިފަދަ ޢަމަލުތައް ހުއްޓުވުމަށް މަސައްކަތް ކުރަމުންދާކަން ފުލުހުންގެ ފަރާތުން ފާހަގަކުރެއެވެ.

