ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ދުވަހެއްގެ އެވްރެޖް އަދަދު މިހާރު ވަނީ 6،015 އަށް އިތުރުވެފައެވެ. މިއީ މެއި އަދި ޖޫން މަހު ރެކޯޑުކުރެވުނު 4،000 އާ އަޅާބަލާއިރު ފާހަގަކުރެވޭ ކުރިއެރުމެކެވެ.
ވުޒާރާއިން އެންމެ ފަހުން ނެރެފައިވާ ޓޫރިޒަމް އަޕްޑޭޓު ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ޖުލައި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް މިއަހަރު ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ ޖުމްލަ 1.2 މިލިއަން ފަތުރުވެރިންނެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 9.5 ޕަސެންޓުގެ ކުރިއެރުމެކެވެ.
ޗައިނާއިން އެންމެ ގިނަ ފަތުރުވެރިން
ވަކިވަކި ގައުމުތަކުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ތަފާސްހިސާބުތަކަށް ބަލާއިރު، 188،317 ފަތުރުވެރިންނާއެކު އެންމެ އިސް ސަފުގައި ވަނީ ޗައިނާއެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ 152،385 ފަތުރުވެރިންނާއެކު ރަޝިއާއިންނެވެ. އަދި 120،937 ފަތުރުވެރިންނާއެކު ތިންވަނައިގައި ވަނީ އިނގިރޭސިވިލާތެވެ.
ރިސޯޓުތަކަށް އެންމެ ގިނަ ފަތުރުވެރިން
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 73.1 ޕަސެންޓް ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ. ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރި 22.0 ޕަސެންޓް ފަތުރުވެރިންނާއެކު، ދެވަނައަށް އެންމެ މަޤުބޫލު ވެފައިވަނީ ގެސްޓްހައުސް ދާއިރާއެވެ. އަދި 2.7 ޕަސެންޓް ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ހޮޓާތަކުގައެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން މިއަހަރަށް އަމާޒުހިފާފައިވަނީ ރާއްޖެއަށް 2.3 މިލިއަން ފަތުރުވެރިން ގެނައުމަށެވެ. މިހާތަނަށް ފެންނަ ކުރިއެރުންތަކަށް ބަލާއިރު، މި އަމާޒަށް ވާސިލުވުމަށް އެކަށީގެންވާ ކުރިއެރުންތަކެއް ލިބެމުންދާކަން ފާހަގަކުރެވެއެވެ.

