ހއ. މަނަފަރު ރިސޯޓުން ކުނި ބަރުކޮށްގެން ކ. ތިލަފުއްޓަށް ދަތުރުކުރި ބޯޓެއް ފަރަށް އަރައި، ބޯޓުން ދަތުރުކުރި މީހުންނަށް އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެމްއެންޑީއެފުން މިއަދު ވިދާޅުވީ ހއ. އަތޮޅުގައި އޮންނަ މަނަފަރު ރިޒޯޓުން ކުނި ބަރުކޮށްގެން ކ. ތިލަފުއްޓަށް ދަތުުރުކުރަމުންދަނިކޮށް ފަރަށް އެރި “ގުރުވަ 1” ނަމަކަށް ކިޔާ ދޯނީގައި ތިބި ފަޅުވެރިންނަށް އެހީތެރިކަން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުގެ ސިފައިން އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށެވެ.
މި ދޯނިން ދަތުރުކުރީ ދިވެއްސަކާއި ދެ ބިދޭސީންނެވެ.
ނ.ކުޑަރަށް ކައިރިން ފަރަށް އެރި ކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއަށް ލިބިފައިވަނީ ރޭގެ 23:24 ހާއިރުއެވެ. މި ހާދިސާގެ މަޢުލޫމާތު ލިބުމުން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ހާބަރކްރާފްޓް ވަނީ އެ ސަރަހައްދަށް ދަތުރުކޮށް، ދޯނިން ދަތުރުކުރި ތިން ފަޅުވެރިން ހާބަރކްރާފްޓްއަށް ނަގާ އެހީތެރިކަން ފޯރުކޮށްދީފައި ކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ.
އެމްއެންޑީއެފްއިން ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ އެހީތެރިކަމާ އެކު ފަޅުވެރީން މިއަދު ހެނދުރު 08:45 ހާއިރު ނ.ހޮޅުދޫއަށް ގެންގޮސްދީފައިވާ އިރު، އެ އެންމެންގެ ވެސް ހާލު ރަނގަޅުކަމަށް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ.

