މިފްކޯގެ ޝޯވް ރޫމެއް ނުވަތަ ފިހާރައެއް ސްރީލަންކާގައި ހުޅުވުމަށް މަސައްކަތްކުރަމުން އަންނަކަމަށް ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަސްޢޫދު އިމާދު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ “ރާއްޖެ މިއަދު” ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ސަފީރު މަސްޢޫދު އިމާދު ވިދާޅުވި ގޮތުގައި، ސްރީލަންކާގައި ދިވެހި މަހަށް ބޮޑު މާކެޓެއް އެބައޮތެވެ. އަދި މިފްކޯގެ މަސްފިހާރައެއް ސްރީލަންކާގައި ހުޅުވިއްޖެނަމަ، އޭގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރިއަށް ކުރިއެރުން ލިބިގެންދާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ސަފީރު އިތުރަށް ހާމަކުރެއްވި ގޮތުގައި، ސްރީލަންކާގައި ފެކްޓަރީއެއް ހަދައިގެން ދިވެހިން އޮޕަރޭޓްކުރާ ގޮތަށްވެސް އެ ޤައުމުން ވަނީ ހުށަހަޅާފައެވެ. މީގެއިތުރުން މިފްކޯއިން ސްރީލަންކާގައި ޑިސްޓްރިބިއުޝަން ސެންޓަރަކާއި ޝޯވް ރޫމެއް ހުޅުވުމަށް ވިސްނަމުންދާކަންވެސް ސަފީރު ފާހަގަކުރެއްވިއެވެ.
“މިފްކޯއިން ބޭނުންވާ ބައެއް މަޢުލޫމާތު ހޯއްދަވައިގެން ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައި. ލަންކާ މީހުންނަށް ދިވެހި މަހަކީ ވަރަށް މަޤުބޫލު އެއްޗެއް،” ސަފީރު ވިދާޅުވިއެވެ.
މީގެއިތުރުން ސްރީލަންކާގެ މަސްވެރިކަމުގެ ސިނާޢަތް ކުރިއަރުވައި، ދިވެހިންނެކޭ އެއްގޮތަށް ދެމެހެއްޓެނިވި މަސްވެރިކަމެއް ކުރުމަށްޓަކައި، ދިވެހިން މަސްވެރިކަން ކުރާ ގޮތްތައް ދަސްކުރުމުގެ ޝައުޤުވެރިކަންވެސް އެ ޤައުމުން ވަނީ ފާޅުކޮށްފައިކަން ސަފީރު ފާހަގަކުރެއްވިއެވެ.

