ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)ގެ ޚިދުމަތަށް ފެރީ ބަނުމަށް އިންޑިއާ ސަރުކާރުން 100 މިލިއަން ރުފިޔާގެ ހިލޭ އެހީއެއް ދީފައިވާ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން މިއަދު ހާމަކޮށްފިއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި މަޢުލޫމާތު ދެއްވަމުން، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ އިބްރާހިމް ޔާސިރު ވިދާޅުވީ، މި އެހީގެ ދަށުން 12 ފެރީއާއި އެއް ޒޯން ފެރީ ޓަރމިނަލް ތަރައްޤީ ކުރެވޭނެ ކަމަށެވެ. އޭގެ ތެރޭގައި ޒޯން 2ގެ މައި ފެރީ ޓަރމިނަލްގެ ގޮތުގައި ރ. އުނގޫފާރުގައި ޤާއިމްކުރާ ފެރީ ހަބްވެސް ހިމެނެއެވެ.
މިހާރުވެސް އާރްޓީއެލްގެ ޚިދުމަތް ރާއްޖޭގެ 11 އަތޮޅެއްގައި ފެށިފައިވާއިރު، އިތުރު އަތޮޅުތަކަށް ޚިދުމަތް ފުޅާކުރުމަށްޓަކައި މިވަގުތު ހަތަރު ފެރީއެއް ބަނުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ޑެޕިއުޓީ މިނިސްޓަރު ވިދާޅުވިއެވެ. މި ފެރީތަކަކީ ބެކަޕް ފެރީތަކެއްގެ ގޮތުގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ އުޅަނދުތަކެކެވެ.
އުނގޫފާރުގައި ތަރައްޤީކުރާ ފެރީ ޓަރމިނަލްގެ މަސައްކަތަށް ބޭނުންވާ ސާމާނު އެ ރަށަށް ގެންދިއުމުގެ މަސައްކަތް މިހާރު ވަނީ ފެށިފައެވެ. މި ޓަރމިނަލްގައި މަޑުކޮށްލައިގެން ތިބޭނެ ސަރަހައްދަކާއި، ފިހާރައަކާއި އަދި ފާޚާނާކުރުމުގެ އިންތިޒާމްތައްވެސް ހަމަޖެހިގެންދާނެއެވެ.
އެންމެ ފަހުން އާރްޓީއެލްގެ ޚިދުމަތް ފަށާފައިވަނީ މިދިޔަ ޖުލައި މަހުގެ ފަހު ހަފްތާގައި ބ. އަތޮޅުގައެވެ. މިހާރު ތައްޔާރުވަމުންދަނީ ޒޯން 4ގައި ހިމެނޭ މ، ފ، ދ، ތ އަދި ލ އަތޮޅުގައި ޚިދުމަތް ފެށުމަށެވެ. ސަރުކާރުގެ އަމާޒަކީ މި އަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ހިސާބެއްގައި އާރްޓީއެލްގެ ޚިދުމަތް ފެށުމެވެ.

