ރާއްޖޭގެ ކަނޑޫފާތަކުގައި ހެދޭ ބަރު ގަހުގެ އޮށްތަކެއް ފުރަތަމަ ފަހަރަށް ޖައްވަށް ފޮނުވައިފިއެވެ. މޯލްޑިވްސް ސްޕޭސް ރިސާޗް އޮގަނައިޒޭޝަން (އެމްއެސްއާރުއޯ) އިން ނާސާއާ ހަވާލުކުރި މި އޮށްތައް ނަގާފައިވަނީ ހދ. ކުޅުދުއްފުށި އަދި ނ.ކެނދިކުޅުދޫ ކުޅިންނެވެ.
ވޯލްޑް ސީޑް މިޝަންގެ ދަށުން ކުރިއަށްދާ މި މަޝްރޫޢުގައި ރާއްޖެ ހިމެނޭ ގޮތަށް 11 ގައުމަކުން އެކި ބާވަތުގެ އޮށްތައް ވަނީ އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް) އަށް ފޮނުވާފައެވެ. އެމްއެސްއާރުއޯ އިން ބުނީ މިއީ ގްލޯބަލް ސްޕޭސް އެގްރިކަލްޗާ ރިސާޗަށް ރާއްޖޭގެ މުހިއްމު ހިއްސާއެއް ކަމަށެވެ.
މި މިޝަންގެ މައިގަނޑު މަޤްޞަދަކީ މައިކްރޯ ގްރެވިޓީގެ ހާލަތުގައި އޮށްތަކަށް އަންނަ ބަދަލުތައް ދިރާސާކުރުމެވެ. މީގެ ތެރޭގައި ޖީން އެކްޓިވޭޝަން އަދި މެޓަބޮލިކް ޕާތުވޭ ފަދަ ކަންތައްތައް ހިމެނެއެވެ. ޖައްވަށް ފޮނުވާލެވުނު އޮށްތައް އަނބުރާ ދުނިޔެއަށް ގެނެސް، އެ ތަކެއްޗަށް އައިސްފައިވާ ބަދަލުތައްވެސް ދިރާސާ ކުރެވޭނެއެވެ.
“މި ދިރާސާއަކީ ގަސްގަހާގެހީގެ ވިލުންވެރިކަން އިތުރުކޮށް، ދިގު މުއްދަތުގެ ސްޕޭސް މިޝަންތަކަށާއި ބިމުގައި ދެމެހެއްޓެނިވި ދަނޑުވެރިކަން ކުރުމަށް ބޭނުންވާ ގަސްކާނާ ރައްކާކުރުމުގެ ޓެކްނިކްތައް ކުރިއެރުވުމަށް މުހިންމު ދިރާސާއެއް،” އެމްއެސްއާރުއޯ އިން މިފަދައިން ބުނެފައިވެއެވެ.
2022 ވަނަ އަހަރު އުފެއްދި މޯލްޑިވްސް ސްޕޭސް ރިސާޗް އޮގަނައިޒޭޝަނުން މިފަދަ ބައިނަލްއަޤްވާމީ މިޝަނެއްގައި ބައިވެރިވެ، ރާއްޖޭގެ ދިރާސާތައް ޖައްވަށް ފޮނުވާލުމަކީ ޤައުމީ ކުރިއެރުމެއް ކަމުގައި ފާހަގަކުރެވެއެވެ.

