މާލޭ އުތުރު ބަނދަރުގެ އިތުރުކުރެވުނު ބައިގައި ބަނދަރުކުރާ އުޅަނދުތަކުން ފީ ނެގުމަށް ހަމަޖެހުނު ނަމަވެސް، މަސްދޯނިފަހަރު މި އުސޫލުން އިސްތިސްނާވާނެކަމަށް އެމްޕީއެލްއިން އިޢުލާނުކޮށްފިއެވެ.
މަސްދޯނިފަހަރަށް ޚާއްސަކޮށްފައިވާ E އަދި F ޒޯންގައި އެއްވެސް ފީއެއް ނުނަގާނެ ނަމަވެސް، މުދަލާއި ފަސިންޖަރުން އުފުލާ އުޅަނދުތަކުން ކުރިން އުސޫލުން ފީ ނެގޭނެއެވެ.
ބަނދަރުގެ އެހެން ސަރަހައްދުތަކުގައި "އޭ" ޒޯންއިން ގަޑިއަކަށް މީޓަރަކަށް 50 ލާރި، އަދި "ބީ" އަދި "ސީ" ޒޯންތަކުން ގަޑިއަކަށް މީޓަރަކަށް 1 ރުފިޔާގެ ރޭޓުން ފީ ނެގޭނެއެވެ. މުޅި ބަނދަރުގައި ޖުމްލަ 99 އުޅަނދު އެޅޭނެ ޖާގަ ތަނަވަސްކުރެވިފައިވާއިރު، މީގެ ތެރެއިން 20 ޖާގަ މަސްދޯނިފަހަރަށް ޚާއްސަކުރެވިފައިވެއެވެ.
މަސްވެރިންގެ ސަރަހައްދުން ބިދޭސީން ދިރިއުޅޭ އުޅަނދުތަކާއި ވިޔަފާރި އުޅަނދުތައް ނެގުމަށްފަހު، މަސްވެރިންގެ މަޝްވަރާއާއެކު އެ ސަރަހައްދު އިތުރަށް ތަރައްޤީކުރެވޭނެއެވެ. މި ބަދަލުތަކާއެކު ކުރިން ބަނދަރުން ޖާގަ ހޯދުމަށް ނަގަމުންދިޔަ 5 ދުވަސް، 1-2 ދުވަހަށް ކުރުކުރެވޭނެކަމަށް އެމްޕީއެލްއިން ބުނެފައިވެއެވެ.
"މި ސަރަހައްދު ތަރުތީބު ކުރެވުމުން، މަސް ދޯނި ފަހަރަށް އިތުރު ޖާގަ ލިބި، އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ. އަދި އަތޮޅުތަކަށް މުދާ އުފުލާ އުޅަނދުތަކަށް މުދާ ބޭލުމާއި އެރުވުމުގެ މަސައްކަތްތައްވެސް މިހާރަށްވުރެ އަވަހަށް ކުރެވޭނެ މަގު ފަހިވެގެންދާނެ،" ރިޝްވާން ވިދާޅުވި އެވެ.
އިތުރަށް، ބަނދަރުގެ ޚިދުމަތްތައް ފުޅާކުރުމުގެ ގޮތުން ފެނާއި ތެޔޮ ލިބޭނެ އިންތިޒާމާއި، އިތުރު ސްޓޯރޭޖް ފެސިލިޓީތައް ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، ސަލާމަތީ ކެމެރާ ސިސްޓަމާއި ޗެކްޕޯސްޓްތައްވެސް ޤާއިމުކުރެވޭނެއެވެ.

