ފާއިތުވި ދޮޅުއަހަރުތެރޭ މާލޭ ސަރަޙައްދުގެ ހޮސްޕިޓަލްތަކަށް 500 އަށްވުރެ ގިނަ މުވައްޒަފުން އިތުރުކުރެވިފައިވާކަމަށް މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ސީއީއޯ ވިދާޅުވި ގޮތުގައި، މާލޭ ސަރަޙައްދުގައި ސަރުކާރުން ހިންގާ ހޮސްޕިޓަލްތަކުގެ އޮޕަރޭޝަނަލް ކެޕޭސިޓީ އިތުރުކުރުމަށް މި ސަރުކާރުން މިހާތަނަށް މުހިންމު މަސައްކަތްތަކެއް ކޮށްފައިވެއެވެ.
މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން މާލޭ ސަރަޙައްދުގައި ސަރުކާރުން ހިންގަމުންދަނީ އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް، ދަރުމަވަންތަ ހޮސްޕިޓަލް، ހުޅުމާލޭ ހޮސްޕިޓަލް އަދި ވިލިމާލޭ ހޮސްޕިޓަލެވެ.
“17 ނޮވެމްބަރު 2023 އިން ފެށިގެން މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްތަކަށް މުވައްޒަފުން އަޅުގަނޑުމެންނަށް ނެގިއްޖެ 560 އަށްވުރެ ގިނައިން. މީގެ ތެރޭގައި ގާތްގަނޑަކަށް 75 ޕަސެންޓަކީ މެޑިކަލް ދާއިރާގެ މުވައްޒަފުން. އޭގެ ތެރޭގައި މެޑިކަލް އޮފިސަރުންނާއި ސްޕެޝަލިސްޓުންނާއި ނަރުހުން ހިމެނޭ،” ސީއީއޯ އަބްދުއްރައްޒާޤު ހަލީމް ވިދާޅުވިއެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން ސީއީއޯ ވިދާޅުވީ، ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗް އަދި ދަރުމަވަންތަ ހޮސްޕިޓަލުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ކުރެވުނު މަސައްކަތްތަކާއެކު 194 އެނދު މިހާތަނަށް އިތުރުކުރެވިފައިވާ ކަމަށެވެ. މީގެ އިތުރުން ހުޅުމާލޭ ހޮސްޕިޓަލަށްވެސް އައީސީޔޫ، އެންއައިސީޔޫ އަދި އޮޕަރޭޝަން ތިއޭޓަރާއި އިމަރޖެންސީ ވޯޑު އިތުރުކުރެވި، އެކަށީގެންވާ ޖާގަ އިތުރުކުރެވިފައިވާކަންވެސް ފާހަގަކުރެއްވިއެވެ.

