އޮޅުހިޔާ ފެސިލިޓީގެ ކަރަންޓީން ބައިގެ ޖާގަ އިތުރުކޮށް، މާލެ ތެރެއިން އިތުރު ބުޅާތައް ފެސިލިޓީއަށް ނެގުމުގެ މަސައްކަތް، ވިއްސާރައާއި ގުޅިގެން މެދުކެނޑާލުމަށްފަހު، އަލުން އިއްޔެ ފަށައިފިއެވެ.
އޮޅުހިޔާ ފެސިލިޓީ ފުރަތަމަ ފެށިއިރު، އެތަނުގެ ކަރަންޓީން ޖާގައިގައި، ކަރަންޓީން ކުރެވޭނެ ވަސީލަތްތައް ނެތުމުން، ކޭޖްތައް ތައްޔާރުކޮށް ފުރަތަމަ 15 ބުޅާ ވެއްދިއެވެ. އޭގެ ފަހުން އެކި ފަހަރުމަތިން ބުޅާތައް ނަގަމުން ދިޔައިރު، ކަރަންޓީންގެ ޖާގަ އިތުރުކުރަމުން ގޮސް މިހާރު އެއްފަހަރާ 100 ބުޅާ ކަރަންޓީން ކުރެވޭވަރަށް ޖާގަ ވަނީ އިތުރުކޮށްފައެވެ.
އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ އިން މަޢުލޫމާތު ދިންގޮތުގައި، މިހާތަނަށް ޖުމްލަ 75 ބުޅާ ވަނީ ފެސިލިޓީއަށް ނެގިފައެވެ. އަދި ކަރަންޓީންގައި ތިބި 34 ބުޅަލުގެ ތެރެއިން 19 ބުޅާ ވަނީ ކޮށިތަކަށް ބަދަލުކޮށްފައެވެ.
މިއަދު ހަވީރު މާލޭގެ މެރީ ބްރައުން ސަރަހައްދުންނާއި، މިރޭ ހުޅުމާލޭގެ އެކި ސަރަހައްދުން ބުޅާތައް ނެގުމުގެ މަސައްކަތް ކުރިއަށް ގެންދިޔައެވެ. ވިއްސާރަވުމުން މަސައްކަތް ހުއްޓާލިއިރު، ޖުމްލަ 37 ބުޅާ މިއަދު ވަނީ ނަގާފައެވެ. މިހާރު ފެސިލިޓީގައި ތިބި ބުޅަލުގެ އަދަދަކީ ޖުމްލަ 112 އެވެ.
މާލޭގެ އެކި ސަރަހައްދުތަކުން ވީއްލިގެން އުޅޭ ބުޅާތައް ފެސިލިޓީއަށް ނެގުމުގެ މަސައްކަތް މާދަމާވެސް ކުރިޔަށް ގެންދިއުމަށް ވަނީ ރާވާފައެވެ. އަދި ކަރަންޓީން މަރުހަލާ ނިމުމަށްފަހު ބުޅާތައް ލާންޖެހޭ ކޮށިތަކުގައި އިތުރަށް ފުރިހަމަ ކުރަންޖެހޭ މަސައްކަތްތައްވެސް އަންނަނީ ކުރަމުންނެވެ.

