މާލޭގެ ދިލްބަހާރު މަގުގައި މިރޭ ވަގުތެއްގައި ދެ ފަރާތެއްގެ މެދުގައި މާރާމާރީއެއް ހިނގައިފިއެވެ. މި މާރާމާރީގެ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް މިވަގުތު ވަނީ ސޯޝަލްމީޑިއާގައި ފެތުރިފައެވެ.
ފުލުހުން ބުނީ، “ދިލްބަހާރުމަގުގައި ބަޔަކު މާރާމާރީ ހިންގާކަމުގެ މައުލޫމާތު ލިބިގެން ފުލުހުން އެޓެންޑުވެފައިވޭ. ފުލުހުން އެ ސަރަހައްދަށް ދިޔައިރު މާރާމާރީ ހިންގި މީހުން އެ ސަރަހައްދު ދޫކޮށް ވަނީ ގޮސްފައި.”ވާ ކަމަށެވެ.
މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި، މި މާރާމާރީ ފެށިފައިވަނީ ދެ ފިރިހެނުންގެ މެދުގައި ހިނގި ޒުވާބަކާ ގުޅިގެންނެވެ. އެގޮތުން، ކައިރީގައި ހުރި އަންހެނަކު އެއް ފިރިހެނެއްގެ އިސްތިށިގަނޑުގައި ހިފައި ހަމަލާދިނުމާ ގުޅިގެން ދެފަރާތުން ވެސް މާރާމާރީ ހިންގާފައިވެއެވެ. މީގެ އިތުރުން، މާރާމާރީގައި ބައިވެރިވި ފަރާތްތަކުން އެކަކު އަނެކަކާ މެދު ހުތުރު ބަހުން މުއާމަލާތްކޮށްފައިވާކަން ވެސް ފާހަގަކުރެވެއެވެ.
ފުލުހުން އެ ސަރަހައްދަށް ދިޔައިރު މާރާމާރީ ހިންގި ފަރާތްތައް އެތަނުން ގޮސްފައިވާތީ، މި މާރާމާރީ ހިނގާފައިވަނީ ކޮން ކަމަކާ ގުޅިގެންކަމެއް އަދި މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ މައުލޫމާތު ހާމަކޮށްފައެއް ނުވެއެވެ.

