ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރުމަށް ޖޭއެސްސީން ނިންމާފައިވާ ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ޝަހީދުގެ ނަން އަނބުރާ ނަގަން ނިންމައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އަށް އޭނާ މިއަދު ހުށަހަޅުއްވައިފިއެވެ.
ޖޭއެސްސީގެ ރައީސް ހުސައިން ރިޒާ އާދަމަށް ފޮނުއްވި ސިޓީގައި ޝަހީދު ވިދާޅުވީ، މަޤާމާ ހަވާލުވުމަށް އުޒުރުވެރިވާ ސަބަބަކީ އޭނާއަކީ ކުރިން މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީގެ ނައިބު ވަޒީރުކަމުގެ މަޤާމު އަދާކޮށްފައިވާ މީހަކަށްވާތީ، ސިޔާސީ މީހެއްގެ ގޮތުގައި ރައްޔިތުންގެ ތެރެއިން ބަޔަކު ސިފަކުރާތީ ކަމަށެވެ.
“ދިވެހި ގައުމަށްޓަކައި އަދި ޖުޑިޝަރީގެ މުސްތަގިއްލުކަން ހިމާޔަތް ކުރުމަށްޓަކައި އަޅާ ފިޔަވަޅެއް މިއީ. އަޅުގަނޑު ސިޔާސީ މަގާމެއްގައި ހުއްޓަސް އެ މަގާމުން އިސްތިއުފާ ދީފައި މިކަމާ ކުރިމަތިލީ ވެސް ސިޔާސީ ކަންކަމާ ދުރުވުމަށްޓަކައި،” ޝަހީދު ވިދާޅުވި އެވެ.
މިއީ ދިވެހި ގައުމަށްޓަކައި އަދި ޖުޑިޝަރީގެ މުސްތަގިއްލުކަން ހިމާޔަތް ކުރުމަށްޓަކައި އަޅާ ފިޔަވަޅެއްކަމަށާއި، ސިޔާސީ މަގާމެއްގައި ހުރުމަށްފަހު އެ މަގާމުން އިސްތިއުފާ ދީ، މި މަގާމަށް ކުރިމަތިލީ ވެސް ސިޔާސީ ކަންކަމާ ދުރުވުމަށްޓަކައި ކަމަށް ޝަހީދު ވިދާޅުވި އެވެ.
ފަނޑިޔާރުންގެ ނަޒާހަތްތެރިކަމާމެދު ރައްޔިތުންގެ މެދުގައި ސުވާލު އުފައްދަފާނެ އެއްވެސް ޖާގައެއް ދޭން ބޭނުންނުވާ ކަމަށާ ރައްޔިތުންގެ މެދުގައި ޖުޑީޝަރީއަށް އޮންނަ އިތުބާރާއި މުސްތަޤިއްލުކަން ދެމެހެއްޓުމުގެ މާތް މަޤްޞަދުގައި، ހުށަހެޅުއްވި އެޕްލިކޭޝަން ބާޠިލްކޮށް ދެއްވައި ނަން އަނބުރާ ނެގުމަށް އެދޭ ކަމަށް ޝަހީދު ވަނީ ވިދާޅުވެފައެވެ.

