ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ބަނގުރަލާއި މަސްތުވާތަކެތި އަތުލައިގަނެ، 10 މީހުން ހައްޔަރުކޮށްފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
އެ މީހުންނާ ގުޅުންހުރިކަމަށް ބެލެވޭ މާލޭގެ ދެ ގެއެއް ބަލައިފާސްކުރިއިރު ތިންފުޅީ ބަނގުރާ އަދި މަސްތުވާތަކެތިކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށާއި ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނީ 66.92 ގުރާމު ހުރި ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.
ފުލުހުން ބުނީ ޖުލައި 31 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކުރި 10 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އޭގެ ތެރެއިން ހަތް މީހުން ޝަރުތުކުރުމަށްފަހު ދޫކޮށްލާފައިވާ ކަމަށެވެ.
އަދި ހދ. ނޭކުރެންދޫ، ފްލާވާހައުސް، އުމުރުން 19 އަހަރުގެ އައިޝަތު ފައިހާ ތާހާ އާއި ނ. މަގޫދޫ، ސާމިޔާނާ، އުމުރުން 28 އަހަރުގެ އަކްރަމް މުހައްމަދު އަދި ސ. ހުޅުދޫ، ރޯޝަނީމާގެ، އުމުރުން 27 އަހަރުގެ އަޙްމަދު ތައިސީރު ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

