ބަރަހަނާ ފޮޓޯ ހުރި ކަމަށް ބުނެ، ބިރުދައްކައިގެން ތިން ލައްކައަށް ވުރެ ގިނަ ރުފިޔާ ހޯދި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރީ ސ. ފޭދޫ، ލިލީގަސްދޮށުގެ، އުމުރުން 32 އަހަރުގެ މުހައްމަދު ފަވާޒް ލުތުފީއެވެ.
ފަވާޒު ބަރަހަނާ ފޮޓޯ ހުރި ކަމަށް ބުނެ، އެކި ދުވަސް މަތިން ފިރިހެނަކަށް ބިރު ދައްކައި ތިން ލައްކައަށް ވުރެ ގިނަ ރުފިޔާ ހޯދި ކަމަށާއި، އޭނާއަށް މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާ ކަމަށް ވެސް ތުހުމަތުކުރެވޭ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ ފިރިހެނަކު ބްލެކްމެއިލްކުރި މައްސަލަ އެއީ މިދިޔަ ޑިސެންބަރު މަހުގެ 19 ވަނަ ދުވަހު ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ މައްސަލައެއް ކަމަށެވެ.
ފައްޔާޒު ހުޅުމާލޭގައި ދިރިއުޅޭ ކަަމަށް ބެލެވޭ އެޕާޓްމަންޓު ކޯޓު އަމުރެއްގެ ދަށުން ފުލުހުން ބަލައިފާސްކުރިއިރު ސިމްކާޑުތަކަކާއި މޯބައިލް ފޯނުތަކަކާއި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރުޕެކެޓަކާއި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

